ބަލިވުމުގެ ރެކޯޑުތަކާއެކު ޗެލްސީގެ ކޯޗު ލިއަމް ރޮސީނިއޯއަށް 24 މިލިޔަން ދީފައި ކޯޗުކަމުން ވަކިކޮށްފި
23 އޭޕްރީލު 2026 - 03:15

ޗެލްސީގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އުމުރުން 41 އަހަރުގެ ލިއަމް ރޮސީނިއޯ، އެ މަގާމާ ހަވާލުވިތާ ތިން މަސް ދުވަސް ފަހުން މިއަދު މަގާމުން ވަކިކޮށްފިއެވެ. ރޮސީނިއޯ ޗެލްސީއާ ގުޅުނީ އެ ކްލަބުގެ ވެރިންނާ ގުޅުން އޮންނަ ފްރާންސްގެ ސްޓްރާސްބާގް ދޫކޮށްލުމަށްފަހުއެވެ.
ރޮސީނިއޯ މަގާމުން ވަކިކުރަން ކްލަބުން ނިންމީ އަންގާރަ ދުވަހު ބްރައިޓަން އަތުން 3-0 އިން ޗެލްސީ ބަލިވި މެޗަށްފަހުއެވެ. މިއީ 1912 ވަނަ އަހަރަށްފަހު ލީގުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ފަސް މެޗުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. މި ނަތީޖާތަކާއެކު ޗެލްސީ މިވަގުތު އޮތީ ޗެމްޕިއަންސް ލީގު ޖާގައަކަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ.

Ad by Hajj Corporation
ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޗެލްސީ ފުޓްބޯޅަ ކްލަބުން މިއަދު ވަނީ ހެޑް ކޯޗު ލިއަމް ރޮސީނިއޯއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފަ" ކަމަށެވެ. އަދި މިއީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، ފަހަކަށް އައިސް ޓީމުގެ ނަތީޖާތަކާއި ކުޅުން ހުރި ގޮތުން ކްލަބުން ބޭނުންވާ ފެންވަރަށް ޓީމު ނުގެންދެވޭތީ ނިންމި ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ރޮސީނިއޯގެ ބަދަލުގައި ވަގުތީ ގޮތުން ޓީމާ ހަވާލުވާނީ އޭނާގެ އެސިސްޓަންޓް ކެލަމް މެކްފާލޭންއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅޭ ފުރަތަމަ މެޗަކީ އަންނަ އާދިއްތަ ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ކްލަބުން ބުނި ގޮތުގައި ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ޖެނުއަރީ މަހު އެންޒޯ މަރެސްކާގެ ބަދަލުގައި ރޮސީނިއޯ އައްޔަންކުރުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. ރޮސީނިއޯގެ އިރުޝާދުގެ ދަށުން ފެށުން ރަނގަޅުވި ނަމަވެސް، ފަހުން ލީގު ކަޕުން ކަޓައި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ އަތުން 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މީގެ އިތުރުން ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އެންޒޯ ފެނާންޑޭޒް އަދި މާކް ކުކުރެއްލާ ފަދަ ކުޅުންތެރިންނާ ކޯޗާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަން ފަހަކަށް އައިސް ވަނީ ފާހަގަކުރެވިފައެވެ.
ބްރައިޓަން މެޗަށްފަހު ރޮސީނިއޯ ބުނެފައިވަނީ، "އަހަރެން ބައެއް ފަހަރު ކުޅުންތެރިން ދިފާއުކުރިން، އެކަމަކު މިރޭގެ ކުޅުން ދިފާއުއެއް ނުކުރެވޭނެ. މިއީ މި ކްލަބް ރަމްޒުކޮށްދޭ ކުޅުމެއް ނޫން،" ކަމަށެވެ. ޓޮޑް ބޯލީގެ މިލްކުވެރިކަމުގެ ދަށުން ޗެލްސީން އެއް ބިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ވޯލްޑް ކްލަބް ކަޕާއި 2024 ގެ ކޮންފަރެންސް ލީގު ފިޔަވައި އިތުރު ކާމިޔާބީއެއް އެ ކްލަބަށް ހޯދިފައެއް ނުވެއެވެ.
6 އަހަރު ދުވަހުގެ ކޮންޓްރެކްޓްއެއްގެ ދަށުން ޗެލްސީއަށް މީގެ ހަތަރުމަސްކުރިން ގުޅުނު ލިއަމް ރޮސީނިއޯ ކޯޗުކަމުން ވަކިކުރުމާއެކު އެކުލަބުން ބަދަލެއްގެ ގޮތުންނ 24 މިލިޔަން ޕައުންޑް ދައްކަންޖެހޭނެކަމަށް ރިިިޕޯރޓްތައް ބުނެއެވެ. މިއީ މިސީޒަނުގައި މާލީގޮތުން ޕްރީމިއަރ ލީގުގެ ރެކޯޑް ގެއްލުމެއް ލިބުނު ޗެލްސީއަށް އަންނަ ސީޒަނުގެ ޔޫރަޕުގެ ފުޓްބޯޅަ ގެއްލިދާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅުގައި ކުލަބުން އުފުލަންޖެހޭނެ އިތުރު ތަކުލީފެކެވެ.


