ރައީސް، ފޭސް 2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެ
18 ޑިސެމްބަރު 2025 - 05:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެއެވެ.
މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގައެވެ.

Ad by Hajj Corporation
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ. އެފަހުން ގަލޮޅު ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.


