ކްރިމިނަލް ކޯޓުން ނިންމީ ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް
19 ޑިސެމްބަރު 2025 - 05:57

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު، މިވަގުތު ބަންދުން ދޫކުރެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލުމަށްފަހު އެމީހާ ދޫކޮށްލިކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށް، ޝަމްޢާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާރިޗު މަހުއެވެ.

Ad by Hajj Corporation
ބަންދު މުރާޖައާކުރުމަށް ޝަމްޢާންގެ ފަރާތުން އެދިފައިވީނަމަވެސް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ނިންމާފައިވަނީ މިވަގުތު އޭނާ ބަންދުން ދޫކުރެވެން ނެތްކަމަށެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްޢާން ދޫކޮށްލަން އިއުތިރާޒެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ.
މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންގ ގެ އިތުރުން ރިޝްވަތު ހިފިކަމުގެ ދައުވާ އާއި ފޭރުމުގެ ދައުވާއެވެ. މިހާރު ވަނީ މައްސަލައިގެ ބައެއް ހެކީންގެ ހެކިބަސް ނަގާ ނިންމާފައެވެ.
ޝަމްޢާންގެ އިތުރުން މި މައްސަލައިގައި ދައުވާކުރާ މީހުންގެ ތެރެއިން އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާ އާއި ދައުލަތާ ދެމެދު ހެދުނު އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްސަލަ މިހާރު ވަނީ ނިންމާފައެވެ.
އޭނާއަށް އިއްވާފައިވާ ދެމަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ.


