މޫސުން: ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވޭ - މެޓް
19 ޑިސެމްބަރު 2025 - 13:06

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް - މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation
ވައިޖެހޭނީ، އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުން ނިމި، މިހާރު ގުނަމުން މިދަނީ އިރުވައި މޫސުމުގެ ދުވަސްތަކެވެ.
އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެގޮތުން މިހާރު މިއީ އިރުވައިގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ.
މުލަ ނަކަތް ކުރިއަށްދަނީ ޑިސެމްބަރުމަހުގެ 10 އަކުން ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 8 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.


