ޑެންގި އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ
20 ޑިސެމްބަރު 2025 - 17:12

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، އީޑީސް ކިޔޭ މަދިރިއެއްގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތްތައް މަދިރި ހަފާތާ 2-7 ދުވަސްތެރޭގައި ފެންނަން ފަށާނެކަމަށެވެ.

Ad by Hajj Corporation
އެގޮތުން، ފެންނާނެ އަލާމާތްތަކުގެ ތެރޭގައި, 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުމާއި، ގަދައަށް ބޮލުގައާއި ގައިގައި ރިއްސުމާއި،ލޮލުގައި އަދި ލޮލުގެ ވަށައިގެންވާ ސަރަޙައްދުގައި ރިއްސުމާއި، ގައިގައި ބިހިތަކެއް ނެގުން އަދި ހުޅުހުޅުގައި ރިއްސުމާއެކު ހުޅު ދުޅަވުމުގެ އިތުރުން ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން ފަދަ ކަންކަން ހިމެނެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، މި ބަލީގައި ފެންނާނެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ހަށިގަނޑުގެ އެކި ތަންތަނުން (ޢާއްމުކޮށް ނޭފަތުން، ހިރުގަނޑުން އަދި ހަންގަނޑުން) ލޭ އައުމާއި ގަދައަށް ބަނޑުގައި ރިއްސުން ހިމެނޭކަމަށެވެ.
ޑެންގީ ބަލި ޖެހިއްޖެނަމަ، އަރާމުކުރުމަށާއި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށާއި ހުން މަޑުކުރުމަށާއި، ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން،
މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން؛
- ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން؛
- ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން؛
- މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ، އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށްވާތީ، ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން މުހިންމުކަމަށެވެ.


