ރާއްޖޭގައި އެއިޑްސް ޖެހުނުކަމަށް ރެކޯޑް ކުރެވިފައި ވަނީ 53 މީހަކަށް
2 ޑިސެމްބަރު 2025 - 02:52

30 ނޮވެމްބަރ 2024 ގެ ނިޔަލަށް ރާއްޖޭގައި އެޗްއައިވީ ޖެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ޖުމްލަ 53 މީހުންކަމަށް ހެލްތް މިނިސްޓްރީއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދާ 36 މީހުން ރާއްޖޭގައި އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation
ޖުމްލަ 53 މީހުންނަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މި ބަލީގައި މިހާތަނަށް 16 މީހުން ދުނިޔެ ދޫކޮށްފައިވާއިރު، މިވަގުތު 36 މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހާ ހަމައަށް 49 މީހަކަށް ބަލި ޖެހިގެން ރިކޯޑް ކުރެވިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ.
އެޗްއައިވީއަށް ދެވޭ ފަރުވާ ކަމަށްވާ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމެންޓް (އޭއާރްޓީ) ރާއްޖޭގައި ދޭން ފަށާފައިވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. ރާއްޖޭގައި އެޗްއައިވީ އެއިޑްސް ބައްޔަށް ދެވޭ ހުރިހާ ފަރުވާއެއްވެސް ދެނީ މުޅިން ހިލޭއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ކަމަށްވާ ޕްރި އެކްސްޕޯޝާ ޕްރޯފިލަކްސިސް (ޕީއާރްއީޕީ) ވެސް ރާއްޖޭގައި ލިބެން ހުރެއެވެ.
އެޗްއައިވީ ފެތުރޭ މައިގަނޑު ގޮތްތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމުގައި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު ނުވަތަ ކަށިފަދަ ތަކެތި އަނެކަކު ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން، އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ކިރުދިނުމުން ދަރިފުޅަށް ބަލި ޖެހުމާއި، ވައިރަސް ހުރި ލޭ އެޅުން ވެސް ހިމެނެއެވެ.
ބަލި ނެތްކަން ޔަގީންކުރުމަށް ކާކުކަން ނޭނގޭ ގޮތަށް އެޗްއައިވީއަށް ޓެސްޓްކުރުން މުހިންމެވެ. މި ޓެސްޓްތައް ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންނާއި ޝީ އިންވެސް ކުރެވޭނެއެވެ. ޓެސްޓްގެ ނަތީޖާ ސިއްރު ކުރެވޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޓެސްޓްކުރުމާއި ފަރުވާ ހޯދުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "އޯވަކަމިން ޑިސްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޯންސް" އެވެ.
ރާއްޖެއިން އެޗްއައިވީ ނުވަތަ އެއިޑްސްގެ ފުރަތަމަ ހާލަތް ފެނިފައިވަނީ 1991 ވަނަ އަހަރުގައެވެ.


