މިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެ
14 މާރިޗު 2026 - 10:37

މިއަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު ފެބުރުވަރީ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ފެބުރުވަރީ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާއެވެ. އެގޮތުން ޖަނަވަރީމަހު 35693 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބުރުވަރީމަހު އެއަދަދު ވަނީ 23573 އަށް ދަށްވެފައެވެ. ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވައިރަލް ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އއ. އަތޮޅުން ކަމަށްވާއިރު، އެއަތޮޅުން ވައިރަލް ހުމުގެ 935 ކޭސް މިދިޔަ މަހު ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
އަރިދަފުސް ރޯގާއަށް ބަލާއިރު، ފެބްރުވަރީ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް 1382 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ބޭރަށް ހިންގުމަށް ބަލާއިރު، ޖަނަވަރީމަހު - 8429 ކޭސް، ފެބުރުވަރީމަހު 7196 ވަނީ ރިޕޯޓުކޮށްފައެވެ. ފެބުރުވަރީމަހު ބޭރަށް ހިންގުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ ކ. އަތޮޅުން މި ބަލީގެ 402 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ޑެންގީ ހުމަށް ބަލާއިރު، ޖަނަވަރީމަހު 668 ކޭސް އަދި ފެބުރުވަރީމަހު 412 ރިޕޯޓުކޮށްފައި ވެއެވެ. ފެބުރުވަރީމަހު ޑެންޑީހުން ޖެހިގެން ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން ޑެންގީހުމުގެ 55 ކޭސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

Ad by Hajj Corporation
އިންފްލުއެންޒާ ޖެހިގެން ޖަނަވަރީމަހު ޕޮޒިޓިވްވި އަދަދު 99 ގައި ހުރިއިރު، ފެބުރުވަރީމަހު ޕޮޒިޓިވްވި އެންމެ 8 އެވެ.
އެޗް.ޕީ.އޭއިން ބުނީ މިއަހަރުގެ ޖަނަވަރީމަހާ އަޅާބަލާއިރު، ފެބުރުވަނީމަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު މަދުވެފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 920 ސާމްޕަލްތަކުގެ ތެރެއިން 107 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.
މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، މިދިޔަމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށްވިނަމަވެސް ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުންނާއި މަދިރީގެ ޒަަރިއްޔާއިން ފެތުރޭ ބަލިތަކަށް ސަމާލުވެ، ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އެޗް.ޕީ.އޭއިން ވަނީ ފާހަގަކޮށްފައެވެ.


