ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!
16 ޖޫން 2026 - 05:52

މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ޑެންގީ ހުމާގުޅޭ 778 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން މިދުވަސްވަރު ބޭރަށްހިނގުމާއި ހޮޑުލުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހުމާއި ރޯގާ އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރެނީ ކެއްސުމާއި، ކިނބިހި އެޅުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކު ބޭނުންކުރާ ތަކެތި އެހެން މީހުން ބޭނުންކުރުމުންވެސް މި ބަލި ފެތުރިދާނެއެވެ.
އެގޮތުން ކުޑަކުދިން، ދުވަސްވީ މީހުން އަދި ދާއިމީ ބައްޔެއް ހުންނަ މީހުންނަކީ މި ބަލި ޖެހިއްޖެ ނަމަ ހާލު ގޯސްވުމުގެ ފުރުޞަތު ބޮޑުކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ރަނގަޅު ކާނާ ކެއުމާއި، ފެންބުއިން އިތުރުކުރުމާއި، އެކަށީގެންވާ ވަރަށް ނިދުން ފަދަ ކަންކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވާނެ ކަންކަމެވެ. އެހެން ކަމުން ދިފާޢީ ނިޒާމު ވަރުގަދަކޮށް ހުރުމަކީ ބަލިތަކުން ފަސޭހަވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ.
ބަލީގެ އަލާމާތްތައް:
* ހުންއައުން
* ކެއްސުން
* ނޭވާލުމަށް އުނދަގޫވުން
* ގައިގައި ރިއްސުން
* ވަރުބަލިވުން


