ޢީދު ބަންދަށް ފަހު ،އާންމު ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ!
4 ޖޫން 2026 - 09:19

ޢީދު ބަންދާއި ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރި މިންވަރު އިތުރުވެފައިވާ އިރު،މިކަމުގެ ސަބަބުން މިދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެގެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ވަނީ ހުމާއި ރޯގާގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވާތީ ދުރާލާ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation
އެޗްޕީއޭއިން ވަނީ ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމާއި، ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.


