މާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވަނީ
23 ޖޫން 2026 - 10:30

މާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޖޫން 2 ވަނަ ދުވަހު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި އިތުރު ދެ މީހަކަށް ހިމަބިހި (މީސަލްސް) ވަނީ ޖެހިފައެވެ. އަދި މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 22 އަށް ވަނީ އަރާފައެވެ.

Ad by Hajj Corporation
އެޗްޕީއޭއިން ބުނީ ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އެހެން ނަމަވެސް، ބަލި ޖެހުނު ދިވެހިންގެ އަދަދެއް ހާމައެއް ނުކުރެއެވެ.
އެޗްޕީއޭ އިން ބުނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަ ކަމަށާއި އެގޮތުން، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް މިހާރު ގާއިމުކޮށްފައިވާއިރު، މީގެ ބޭނުމަކީ ބަލި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަނެ ރިޕޯޓުކުރުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެއިތުރުން ވެކްސިން ދިނުމުގެ މަސައްކަތަށް ބަލާއިރު، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 220 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވެސް ހިމަބިހި ވެކްސިން ދީފައިވާކަމަށް ބުނެއެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.


