logo
MPL

MPL

ޚަބަރު

ފަރުވާއަށް ދާ ކޮންމެ މީހަކު ދުންފަތް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެ

އަޙުމަދު ރަމީޒު
17 އޮކްޓޯބަރު 2026 - 18:43
ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް
ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް

ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ބަލިތަކުން ރައްކާތެރިކުރުމުގެ ޚިދުމަތްތައް ދޭންވީ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލެއް ނެރެފިއެވެ.

މި އުސޫލުގެ ދަށުން ފަރުވާއަށް ދާ ކޮންމެ މީހަކާ ދުންފަތު ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެއެވެ. އަދި ރިޕޯޓުކުރަން ކަނޑައަޅާފައިވާ ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ޝައްކުކުރެވިއްޖެނަމަވެސް، 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓުކުރަން ޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުސޫލު ނަންބަރު ‪2026/G-27 ސަރުކާރު ގެޒެޓުގައި ޝާއިޢުކުރީ 14 އޮކްޓޯބަރު 2026 ގައެވެ. އެ ދުވަހުން ފެށިގެން އުސޫލު ހިނގަން ފެށިއެވެ. 8 ބާބާއި 69 މާއްދާއިން ބިނާވެފައިވާ މި އުސޫލު ހަދާފައިވަނީ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ‪10-2 ވަނަ މާއްދާގެ ދަށުންނެވެ. އުސޫލު ހިނގާނީ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި، އަރބަން ޕްރައިމަރީ ހެލްތުކެއަރގެ މަރުކަޒުތަކަށާއި، މި ޚިދުމަތްތައް ދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށެވެ.

އުސޫލުގައި ހިމެނެނީ ހަ ޤައުމީ ޕުރޮގުރާމެކެވެ. އެއީ މައިންނާއި ކުޑަކުދިންގެ ސިއްހަތު، ވެކްސިން ދިނުން، ގައިންގަޔަށް އަރާ ބަލިތައް، ގައިންގަޔަށް ނާރާ ބަލިތައް، ތިމާވެށްޓާ ގުޅޭ ސިއްހަތު، އަދި ސިއްހީ ހޭލުންތެރިކަމެވެ. ކޮންމެ ޕުރޮގުރާމެއްގެ ދަށުން ދޭންޖެހޭ ޚިދުމަތްތަކާއި، އެކަމަށް ހަމަޖައްސަންޖެހޭ މުވައްޒަފުންނާއި ވަސީލަތްތަކާއި، ޢަމަލުކުރަންޖެހޭ ގައިޑްލައިންތައް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

ދުންފަތު ބޭނުންކުރުން ހުއްޓާލުމުގެ ޚިދުމަތުގެ ދަށުން، ރަޖިސްޓްރީކުރާއިރު، ޑޮކްޓަރަށް ދައްކާއިރު، ނުވަތަ ސްކްރީނިންގ ހަދާއިރު، ފަރުވާއަށް އަންނަ ކޮންމެ މީހަކާ ދުންފަތުގެ ކޮންމެ ބާވަތެއް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެއެވެ. ހުއްޓާލަން ބޭނުންވާ މީހުން ސެޒޭޝަން ކްލިނިކަށް ފޮނުވަން ޖެހޭއިރު، އެ ޚިދުމަތަށް ފޯނާއި އީމެއިލް މެދުވެރިކޮށްވެސް އެދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ. ހުއްޓާލުމަށް ބޭނުންކުރާ ބޭސް ލިބޭނީ ޑޮކްޓަރުގެ ލިޔުމާއެކުއެވެ.

ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ރިޕޯޓުކުރަން ކަނޑައަޅާފައިވާ ބައްޔެއް މީހެއްގެ ގައިގައި ހުރިކަން ޔަގީންވުމުން، ނުވަތަ ހުރިކަމަށް ޝައްކުކުރެވުމުން، 24 ގަޑިއިރުގެ ތެރޭގައި މިނިސްޓްރީގެ ވެބްސައިޓުގައިވާ ނޯޓިފިކޭޝަން ފޯމު ފުރިހަމަކޮށް ރިޕޯޓުކުރަން ޖެހޭނެއެވެ. އާންމުކޮށް އުޅޭ ބަލިތަކުގެ ތަފާސްހިސާބު ކޮންމެ ދުވަހަކު ރިޕޯޓުކުރަން ޖެހޭއިރު، އެއްވެސް ރަށެއްގައި ބައްޔެއް އާދަޔާ ޚިލާފަށް އިތުރުވެއްޖެނަމަ ލަސްނުކޮށް އެޖެންސީއަށް އަންގަން ޖެހޭނެއެވެ.

ވެކްސިނުގެ ޕުރޮގުރާމުގެ އަމާޒަކަށް ކަނޑައަޅާފައިވަނީ ވެކްސިން ދޭން ކަނޑައަޅާފައިވާ އާބާދީގެ 95 އިންސައްތައަށް ވުރެ ގިނަ ބަޔަކަށް ވެކްސިން ދިނުމެވެ. ވެކްސިން ޖަހަން ޖެހޭނީ ލައިސަންސް ލިބި ވެކްސިނުގެ ތަމްރީނު ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. ވެކްސިން ޖަހަން އިންކާރުކުރާ މީހުންނަށް ކައުންސެލިންގ ދީ، އެ މީހުންގެ މައުލޫމާތު އެޖެންސީއަށް ރިޕޯޓުކުރަން ޖެހޭނެއެވެ. ވެކްސިން ޖެހުމަށްފަހު ދިމާވާ މައްސަލަތަކަށް ފަރުވާ ދިނުމާއި، ދަތުރުކުރާ މީހުންގެ ވެކްސިނާއި އިޚްތިޔާރީ ވެކްސިން ދިނުމުގެ ކަންކަންވެސް އުސޫލުގައި ހިމެނެއެވެ.

މާބަނޑު މީހުން ރަޖިސްޓްރީކޮށް، ވިހެއުމުގެ ކުރިންނާއި ފަހުން ދޭންޖެހޭ ޗެކަޕްތައް ދިނުމާއި، އަޔަން ފޮލިކް އެސިޑް ފޯރުކޮށްދިނުމާއި، ކުޑަކުދިން ހެދިބޮޑުވާ މިންވަރު ބެލުމާއި ފަނީބޭސް ދިނުމާއި، އާއިލާ ރޭވުމުގެ ޚިދުމަތްތައްވެސް ދޭންޖެހޭނެއެވެ. އަމިއްލަ ރަށުން ބޭރުން ޚިދުމަތް ހޯދާ މާބަނޑު މީހުންގެ ރިކޯޑުވެސް ބަލަހައްޓައި، ޚިދުމަތް ނުހޯދާ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެއެވެ. މި ޚިދުމަތްތައް ދޭންވާނީ ޚިދުމަތް ހޯދާ މީހުންގެ ސިއްރު ހިފެހެއްޓޭ ގޮތަށެވެ.

ސިއްހީ ހޭލުންތެރިކަމުގެ ގޮތުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޭ މައުލޫމާތަކީ އިތުބާރުހުރި ރަސްމީ ފަރާތަކުން ދޭ މައުލޫމާތަކަށް ވާން ޖެހޭނެއެވެ. އާންމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް އަމިއްލައަށް ހިންގަންވާނީ ކަމާބެހޭ ރަސްމީ ފަރާތުގެ ހުއްދަ ހޯދައިގެން ކަމަށް އުސޫލުގައި ބުނެއެވެ.

އޭގެ އިތުރުން، ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރި ފެނާއި ސާފުތާހިރުކަން ދެމެހެއްޓުމާއި، ފަރުވާގެ ތެރެއިން އުފެދޭ ކުނި ނައްތާލުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމުގެ މިންގަނޑުތައް އުސޫލުގައި ކަނޑައަޅާފައިވެއެވެ. އާންމު ސިއްހަތާ ގުޅޭ ޝަކުވާތައް ބަލައި އިންސްޕެކްޝަން ހެދުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ދުންފަތު ކޮންޓްރޯލްކުރުމުގެ ގާނޫނާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އުސޫލުގެ ދަށުން ބޭނުންކުރަންޖެހޭ ގައިޑްލައިންތައް އަދާހަމަކޮށް ފޯރުކޮށްދޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީންނެވެ. އެ ގައިޑްލައިންތައް އެޖެންސީއާއި ސިއްހީ ވުޒާރާގެ ވެބްސައިޓުތަކުން ފެންނަން ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރުވާއަށް ދާ ކޮންމެ މީހަކު ދުންފަތް ބޭނުންކުރޭތޯ ސުވާލުކުރަން ޖެހޭނެޚަބަރު | ގަޑިއިރެއް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | 15 ދުވަސް ކުރިންހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން މަޖުބޫރުޚަބަރު | 18 ދުވަސް ކުރިންދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ތަކަށް ތިން މިލިޔަން ރުފިޔާ ދެނީޚަބަރު | 2 މަސް ކުރިން