ސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފޯމެއް!
20 ޑިސެމްބަރު 2025 - 17:16

ސްޓެލްކޯގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އޮންލައިން ފޯމެއް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ، އެ ކުންފުނީގެ ޚިދުމަތުގެ އޮންލައިން ފީޑްބެކް ފޯމެއް މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރެވިފައިވާނެކަނަށެވެ.

Ad by Hajj Corporation
އަދި އެ ފޯމު މެދުވެރިކޮށް،އެ ކުންފުނީގެ ޚިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުއްވުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ސްޓެލްކޯއިން އާންމު ކޮށްފައިވާ އެ ފޯމުގައި އާންމުންގެ ޚިޔާލު ހޯދުމަށް ހިމަނާފައި ވަނީ،ސްޓެލްކޯއިން ޚިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި، ސްޓެލްކޯއާ ދޭތެރޭ އިތުބާރު އޮތް މިންވަރާއި، ސްޓެލްކޯގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރާއި، ސްޓެލްކޯގެ ކަސްޓަމާ ސާވިސްއާ މެދު ދެކޭ ގޮތް އަދި ، ޚިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިތުރުން،ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދިނުމުގައާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރެވެ.
މީގެ އިތުރުން ވެސް ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭނަމަ ފާހަގަކުރެވޭ ކަންކަން ބަޔާންކުރުމަށް އެ ފޯމުގައި ހިމަނާފައިވެއެވެ. އަދި ސްޓެލްކޯއިން ޚިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއް ވާނަމަ އެ ތަޖުރިބާ ހިއްސާ ކުރުމަށާއި، އިތުރު ޚިޔާލު ދިނުމަށް ވެސް އެ ފޯމުގައި ވަނީ ހިމަނައިފައެވެ.


