ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާގެ ދީފި
11 ޑިސެމްބަރު 2025 - 06:52

ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް، ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ވަޒީފާގެ ލިޔުން ހަވާލުކޮށްފިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، މުޖުތަމައުގެ އެއްވެސް ފަރާތެއް ބާކީނުކޮށް. ހަމަހަމަކަމާއެކު އެންމެންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގައި ސްޓެލްކޯއިން ބައިވެރިވެ، ހުޅުވާލަދިން ފުރުސަތެކެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ވަޒީފާދިން 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށްޓަކައި މިއަދު ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިން އަދި ވަޒީފާ ލިބުނު ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޝަމާޙް ވަނީ، ސްޓެލްކޯ އަކީ މިފަދަ ކޮންމެ ކަމެއްގައި ވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އަދި މި 30 ކުދިން ނުލާ، ނުކުޅެދުންތެރިކަން ހުންނަ 50 ފަރާތެއް މިހާރު ވެސް ސްޓެލްކޯގައި މަސައްކަތްކުރަމުންދާޚަން އެމްޑީ ޝަމާޙް ފާހަގަކުރެއްވިއެވެ. އެފަދަ ފަރާތްތައް ހަވާސާނުކޮށް، މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ފެނުން އެއީ އުފާކުރައްވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމާޙް އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ދިން 30 ފަރާތަކީ، ސްޓެލްކޯއިން ޚިދުމަތްދޭ 20 ރަށަކުން ހޮވާފައިވާ ފަރާތްތަކެއް ކަމަށާއި މިކަމުގެ ސަބަބުން މުވައްޒަފުންގެ ދިރިއުޅުމަށް އިތުރު ބާރެއް ލިބިގެންދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހުނަރު ބޭނުންކޮށް، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެކަން ޝަމާޙް ފާހަގަކުރެއްވިއެވެ.
އަދި އުއްމީދަކީ، މިކަން ނަމޫނާއަކަށް ބަލައި، ރާއްޖޭގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުން ވެސް، އެއްވެސް ފަރުދެއް ބާކީނުކޮށް، ހަމަހަމަ ކަމާއެކު ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ހުޅުވާލަދިނުންކަމަށް ޝަމާޙް ވިދާޅުވިއެވެ.
މިއަދު ވަޒީފާދިން 30 މުވައްޒަފުންނާއެކު، ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 80 ފަރާތަކުން ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން އަންނައިރު، ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވާކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ. ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ވަޒީރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.


