ގެޔޯޜކެރޭސްގެ ޕެނަލްޓީއަކުން އާސެނަލް މޮޅުވެ، އަނެއްކާވެސް އެއްވަނައަށް
21 ޑިސެމްބަރު 2025 - 04:16

އާސެނަލް އެވަޓަން އަތުން 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމް އަލުން ހޯދައިފިއެވެ.
މެޗުގެ ކުރިން، މެންޗެސްޓަރ ސިޓީއިން ވެސްޓް ހަމް އަތުން 3-0 އިން މޮޅުވުމާ ގުޅިގެން އާސެނަލް ވަނީ ވަގުތީ ގޮތުން ދެވަނައަށް ވެއްޓިފައެވެ. ނަމަވެސް އެވަޓަންގެ ސްޓޭޑިއަމްގައި ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިކޭލް އާޓޭޓާގެ ޓީމަށް ވަނީ އަލުން އެއްވަނަ މަގާމަށް އެރިފައެވެ.

Ad by Hajj Corporation
މެޗުގެ ހަމައެކަނި ގޯލަކީ 27 ވަނަ މިނެޓުގައި ވިކްޓަރ ގެޔޯޜކެރޭސް ޕެނަލްޓީއަކުން ވައްދާލި ގޯލެވެ. މި ޕެނަލްޓީ ލިބުނީ އެވަޓަންގެ ޑިފެންޑަރު ޖޭކް އޯބްރިއަން، ޑެކްލަން ރައިސް ނަގައިދިން ކޯނަރެއްގައި ބޯޅަ ސާފުކުރަން މަސައްކަތްކުރަނިކޮށް އަތުގައި ބޯޅަޖެހިގެންނެވެ.
މެޗުގެ ފަހުކޮޅު އެވަޓަންއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރިއިރު، އާސެނަލްއަށް ވަނީ ކައުންޓަރ އެޓޭކްތަކުން ނުރައްކާކުރެވިފައެވެ. ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި އެނބުރި އައިއިރު، މާޓިން ޒުބިމެންޑީ ވެސް ސާކާގެ ކަޓްބެކަކުން ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިއެވެ.
ރޭގެ މޮޅާއެކު އާސެނަލް މިވަގުތު 39 ޕޮއިންޓާއެކު ތާވަކުގެ އެްއްވަނައިގައި އޮތްއިރު، ދެވަނައިގައި ސިޓީ އޮތީ 37 ޕޮއިންޓާއެކުގައެވެ.


