ތިންމަސްފަހުން އެލިފަންޓް އަރައިއޮތް ގަހުގެގޮފިތަކަށް ކެތްނުވެ ރެނދުލާންފަށައިފި
6 ޑިސެމްބަރު 2025 - 14:52

20 އަހަރުފަހުން ޕްރީމިއަރ ލީގުގެ ތަށި ކާމިޔާބުކުރާނެ ކަމަށް ބެލެވުނު އާސެނަލް އެއްވެސް މެޗަކުން ބަލިނުވެ ތިންމަސް ފަހުން ތާވަލުގެ އެއްވަނައިގައި އޮތުމަށްފަހު ފުރަތަމަ ފަހަރަށް ބަލިވެ، ތާވަލުގެ އެއްވަނަ ގެއްލިދާނެކަމުގެ ބިރު ހީވާން ފަށައިފިއެވެ. މިއީ އެންމެ ފަހުން އާސެނަލް ކުޅުނު 18 މެޗުން ބަލިނުވެ އޮތުމަށްފަހު އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އާސެނަލް އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އޯގަސްޓް މަހު 31 ގައި ލިވަޕޫލް އަތުންނެވެ.
މިއަދު ހަވީރު އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މިމެޗުން އާސެނަލް ބަލިވީ 2-1 އިންނެވެ. މި ބައްޔާކާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތް ލީޑަށް ބޮޑު ބުރޫއަރައި، ލީގު ހަގީގީ ގޮތެއްގައި ހޫނުވެގެންދިޔައީއެވެ.

Ad by Hajj Corporation
މި މެޗަށް އާސެނަލް ނުކުތީ މެޗު ކާމިޔާބުކޮށްފިނަމަ ލީގުގެ އެއްވަނައިގައި އޮތް ލީޑު އަށް ޕޮއިންޓަށް ބޮޑު ކުރެވޭނެކަން އެނގިގެންނެވެ. ނަމަވެސް، ވީލާ އިން މި މެޗަށް ނުކުތީ ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ހަތްވަނަ މޮޅު ހޯދުމުގެ އަމާޒުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ޑިފެންސް ފޫއަޅުވާލައި، މެޓީ ކޭޝް 36 ވަނަ މިނެޓުގައި ވީލާއަށް ލީޑު ނަގައިދިނެވެ.
ފުރަތަމަ ހާފަށްފަހު މާ ގިނައިރުތަކެއް ނުވެ އާސެނަލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިއަންޑްރޯ ޓްރޮސާޑް ވަނީ ކުޅެން އެރިތާ މާގިނައިރެއްނުވެ، 1-1 އަށް ނަތީޖާ ބަދަލުކޮށްފައެވެ. އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ޓީމަށް މެޗުގެ ލީޑު ނެގޭނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
އާސެނަލްއަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ މެޗުގެ އިތުރު ވަގުތުގެ 95 ވަނަ މިނެޓުގައެވެ. އެމިލިއާނޯ ބުއެންޑިއާ ވަނީ ވީލާއަށް ފަހުގަޑީގައި މެވުން މޮޅު ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ގޯލާއެކު ވީލާ ވަނީ ލީގުގެ ތާވަލުގެ ދެވަނައަށް އަރާފައެވެ.
މި ބައްޔާކާއެކު އާސެނަލްގެ ލީގުގެ ލީޑު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިހާރު އާސެނަލް އޮތީ ދެވަނައިގައި އޮތް ވީލާއަށްވުރެ އެންމެ ތިން ޕޮއިންޓު ކުރީގައެވެ. އަދި މިރޭ މެންޗެސްޓަރ ސިޓީ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ، އާސެނަލްގެ ލީޑު ދެ ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. މިއީ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއްގައި އޮތް އާސެނަލް އަށް ލިބުނު ހިތްދަތި ނަތީޖާއެކެވެ.


