ލީގު ނިމޭން ގާތްވުމާއެކު މަޑުމަޑުން އާސެނަލުން ސިޓީއަށް ތަށްޓައް ދެވޭނެ މަގު ދައްކައިދެނީ
13 ފެބްރުއަރީ 2026 - 05:05

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް، ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ތާވަލުގެ ކުރީގައި އެޓީމަށް އޮތް ލީޑު ހަތަރު ޕޮއިންޓަށް ހަނިވެއްޖެއެވެ. މިއީ ބުދަ ދުވަހު މެންޗެސްޓަރ ސިޓީން ފުލަމް އަތުން ހޯދި މޮޅަށްފަހު، ލީޑު ފުޅާކުރުމަށް އާސެނަލަށް ލިބުނު ފުރުސަތެކެވެ.
ފާއިތިވެދިޔަ ތިން ސީޒަނުގައިވެސް ދެވަނަ ލިބުނު އާސެނަލް އޭގެ ތެރެއިން ދެއަހަރުގައި ސިޓީއަށް ސީޒަނުގެ ފަހުކޮޅުގައި ލީގު ނެގުމަށް ފަހިކޮށްދީފައެވެ. އެގޮތުން މިސީޒަނުގެ ބޮޑުބައެއްގައި އެއްވަނައިގައި އޮތް އާސެނަލް އަށް މީގެ ކުރިން 9 ޕޮއިންޓް ގެ ލީދެއް ތާވަލުގެ އެއްވަނައިގައި ސިއީގެ މައްޗަށް ހޯދިނަމަވެސް، ފާއިތުވެ ދިޔަ ފަސްމެޗުން އެންމެ ދެ މޮޅު ހޯދައި، ލީޑު އެންމެ ހަތަރު ޕޮއިންޓަށް ވަނީ ކުޑަކޮށްދީފައެވެ.

Ad by Hajj Corporation
އެގޮތުން ރޭގައި ބްރެޏްޓްފޯޑްގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ބަލިވެ އުޅޭތީ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާ މި މެޗުގައި ކުޅެފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ އިގޯ ތިއާގޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ވަނީ ލަނޑެއް ޖަހައި އާސެނަލަށް ކުރިހޯދައިދީފައެވެ. މިއީ ޕިއޭރޯ ހިންކަޕީ ނަގައިދިން ހުރަހަކުން މަޑުއޭކޭ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ބްރެންޓްފޯޑްގެ ކީން ލޫވިސް-ޕޮޓާ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ބްރެންޓްފޯޑްގެ އެއްވަރުކުރި ލަނޑަކީ މައިކަލް ކަޔޯޑޭ އެއްލި ދުރު ތުރޯއަކުން، ސެޕް ފެން ޑެން ބާގް ފްލިކް ކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި ސީޒަނުގައި ދުރު ތުރޯތަކުން ބްރެންޓްފޯޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު އިގޯ ތިއާގޯ އާއި ގަބްރިއަލް މާޓިނެލީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗު ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ.
މިސީޒަނުގައި ލީގުތަށްޓަށް އާސެނަލް އާއެކު ސިޓީ ވާދަކުރާއިރު، މިދެޓީމު މާޗު 22 ގައި އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ވެމްބްލީއަށް ނިކުންނާނެއެވެ.


