ޗެލްސީ ބަލިކޮށް އާސެނަލުން ޓްރަސްޓް ދަ ޕޮރޮސެސްގެ ދިގު އިންތިޒާރު ނިމުމަކާ ގާތަށް
4 ފެބްރުއަރީ 2026 - 04:19

ކައި ހަވާޓްޒް އޭނާގެ ކުރީގެ ކްލަބް ކޮޅަށް ކާމިޔާބުކޮށްދިން ލަނޑާއެކު، 1-0 އިން ޗެލްސީ ބަލިކޮށް އާސެނަލް އީ.އެފް.އެލް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އާސެނަލް ފައިނަލަށް ދަތުރުކުރީ ދެ މެޗުގެ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަލާތައް އުފެއްދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު މަންޒަރެވެ. މީގެ 13 ދުވަސް ކުރިން ސްޓެމްފޯޑް ބްރިޖުގައި އާސެނަލް 3-2 އިން މޮޅުވި މެޗާ ހިލާފަށް، މި މެޗުގައި ގޯލަށް އަމާޒުކޮށް ފޮނުވާލާ ހަމަލާތައް މަދުކަން ފާހަގަކުރެވުނެވެ.

Ad by Hajj Corporation
ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުން މެޗު ކުޅުނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތު އެޓޭކަށް އިސްކަންދޭން ފެށި ވަގުތު، އާސެނަލްގެ ހަވާޓްޒް ވަނީ މެޗުގެ 97 ވަނަ މިނެޓުގައި ލަނޑު ޖަހައި ޗެލްސީ ސިއްސުވާލާފައެވެ. މި މޮޅާއެކު ވެމްބްލީގައި ކުޅޭ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ ނުވަތަ ނިއުކާސަލް ޔުނައިޓެޑާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ޕިއޭރޯ ހިންކަޕީ ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ދިފާއުކުރިއިރު، ގެބްރިއަލް މާޓިނެލީ ފޮނުވާލި ހަމަލާއެއް މާލޯ ގުސްޓޯ ވަނީ ހުށިޔާރުކަމާއެކު ބްލޮކްކޮށްފައެވެ. އަނެއްކޮޅުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅައެއް އާސެނަލްގެ ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ހުއްޓުވާފައެވެ.
މެޗުގެ 35 ވަނަ މިނެޓުން ފެށިގެން 77 ވަނަ މިނެޓާ ހަމައަށް އާސެނަލްއަށް ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައި ނުވާއިރު، ސަޕޯޓަރުންގެ ފަރާތުން ނުރުހުމުގެ އަޑުތައް އިވެމުންދިޔައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ޑެކްލަން ރައިސް ދިން ޕާހަކުން ހަވާޓްޒް ވަނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު އާސެނަލް އިން ވަނީ އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު 10 މެޗުންވެސް ބަލިނުވެ ސިލްސިލާ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން ހަތް މެޗުން އާސެނަލް މޮޅުވެފައިވާއިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ


