ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އާސެނަލް ޗެންޕިއަންސް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޑިސެމްބަރު 2025 - 04:40

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލީގު ފޭސްގައި މިސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އާސެނަލް ވަނީ ތާވަލުގެ އެއްވަނަ ހޯދައިފަ އެވެ. ރޭ ކްލަބް ބްރޫގޭ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވުމާއިއެކު، އެ ޓީމަށް ވަނީ ލީގު ފޭސްގައި ކުޅުނު ހަ މެޗުން 18 ޕޮއިންޓް ލިބި، ދެވަނައިގައި އޮތް ބަޔާން މިއުނިކަށް ވުރެ ތިން ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. ބަޔާން މިއުނިކަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މި މޮޅާއެކު އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މި މެޗަށް އާސެނަލް ނިކުތްއިރު، ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ ޕްރިމިއާ ލީގުގައި މި ހަފްތާގައި އެސްޓަން ވިލާ އަތުން ބަލިވި މެޗަށް ނިކުތް ޓީމަށް ފަސް ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން، 11 މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު، ކުރިމަތިލާން ޖެހުނު އަނިޔާއަކަށް ފަހު ގެބްރިއަލް ޖީސޫސް ވަނީ މި މެޗުގައި އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.

Ad by Hajj Corporation
އާސެނަލްގެ ފަރާތުން މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީ ދިން ޕާހަކުން މެޗުގެ 25 ވަނަ މިނިޓުގައި ނޮނީ މަޑުއޭކާ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޒުބިމެންޑީގެ އިތުރު ޕާހަކުން މަޑުއޭކާ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި މެޗަކީ އާސެނަލްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން މެޗެއްގެ ގޮތުގައި ވެސް ފާހަގަކުރެވެ އެވެ. ކޯޗު އާޓެޓާ ވަނީ އާސެނަލްގެ އެކަޑަމީ އިން ފުރަތަމަ ޓީމަށް ނަގާފައިވާ އުމުރުން 16 އަހަރުގެ މާލީ ސަލްމަން އަށް ވެސް މި މެޗުގައި ފުރުސަތު ދީފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފޯމެޓަށް މިދިޔަ ސީޒަނުން ފެށިގެން ބަދަލު ގެނެސްފައިވާއިރު، ލީގު ފޭސް ނިމޭއިރު ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު، ނުވަވަނައިން ފެށިގެން 24 އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފްގެ އިތުރު ދެ މެޗު ކުޅެންށެވެ. އާސެނަލް އެއްވަނަ ހޯދުމާއެކު ދެވަނަ ބުރުގެ ޖާގަ ވަނީ ކަށަވަރުކޮށްފަ އެވެ.


