ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިޔަނަށް
21 ޑިސެމްބަރު 2025 - 06:47

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2،158،341 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 1 އިން 20 އަށް ރާއްޖެއަށް 135،280 ފަތުރުވެރިން އައިސްފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.8 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 122،064 ފަތުރުވެރިންނެވެ.

Ad by Hajj Corporation
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 2،157،341 ފަތުރުވެރިން އައިސްފައިވާ ކަމަށް ދައްކާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.1 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،959،699 ފަތުރުވެރިންނެވެ.
މި އަހަރު ފެށުނު ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 325،544 ފަތުރުވެރިން އަައިސްފައި ވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 267،341 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 194،931 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް ޖަރުމަނުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 161،854 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިހާރު 178 ރިސޯޓެއް ހިންގަމުންދާއިރު، 16 ހޮޓަލަކާއި، 963 ގެސްޓް ހައުސްގެ އިތުރުން، 167 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓްކުރަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމެވެ.


