މި މަހުގެ 6ހގެ ނިޔަލަށް ރާއްޖެއަށް 2 މިލިޔަނަށް ފަތުރުވެރިން ޒިޔާރަތްކުރި
8 ޑިސެމްބަރު 2025 - 05:25

މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،059،962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި ވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،871،368 ފަތުރުވެރިންނެވެ.

Ad by Hajj Corporation
މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެ އައިސްފައިވަނީ 37،901 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %12.4 އިތުރު އަދަދެކެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަން ފާހަގަ ކޮށްލެވެއެވެ. އެއީ 1.5 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.6 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 53،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުންވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އެގޮތުން ޗައިނާއިން 316،147 ފަތުރުވެރިން، ރަޝިއާއިން 258،253 ފަތުރުވެރިން، އިނގިރޭސިވިލާތުން 184،785 ފަތުރުވެރިން އަދި ޖަރުމަނުވިލާތްުން 155،309 ފަތުރުވެރިންގެ އިތުރުން އިޓަލީވިލާތުން 134،455 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި މުޅި ޖުމްލަ 1313 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66805 އަކަށް އަރައެވެ.


