މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރި
20 ފެބްރުއަރީ 2026 - 14:09

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން،މި ފެބުރުއަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 9,000 ފަތުރުވެރިން އައިސްފައިވެއެވެ.

Ad by Hajj Corporation
މި މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 9,039 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ އެ މުއްދަތުގައި 124,859 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 129,353 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 369,407 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7,860 ފަތުރުވެރިންނެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި މިހާރު އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 54,172 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެގައުމުން މިހާތަނަށް ޖުމުލަ 41,708 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ލިސްޓުގައި އޮތް އިޓަލީ ވިލާތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 36,418 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,276 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 179 ރިސޯޓާއި 911 ގެސްޓްހައުސްގެ އިތުރުން 170 ސަފާރީ އާއި 16 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 67,011 އެނދު އޮޕަރޭޓްކުރެއެވެ.


