ފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް
3 ފެބްރުއަރީ 2026 - 03:39

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ އައު ރެކޯޑެއް މިދިޔަ އާދިއްތަ ދުވަހު ގާއިމުކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަހު ރާއްޖެއަށް 10،253 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10،213 ފަތުރުވެރިންނެވެ.

Ad by Hajj Corporation
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ 235,041 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 224,358 ފަތުރުވެރިންނާ އަޅައިބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ނިމިދިޔަ ޖަނަވަރީ މަހަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. އެ މަހު 224,788 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. އެ ގައުމުން 30,484 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ޗައިނާ އިން 24,576 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި އިޓަލީ (24,498) އޮތްއިރު، ހަތަރުވަނައިގައި އޮތީ އިނގިރޭސިވިލާތް (21,354) އެވެ. އަދި ފަސްވަނައިގައި އޮތީ ޖަރުމަނުވިލާތް (14,671) އެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 68.4 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 26.6 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރީ ގެސްޓްހައުސްތަކަށެވެ. އަދި ހޮޓެލްތަކަށް 2.7 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު ޖުމްލަ 68,915 އެނދު އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ 186 ރިސޯޓެއްގެ 45,893 އެނދާއި، 976 ގެސްޓްހައުސްއެއްގެ 16,940 އެނދާއި، 16 ހޮޓަލެއްގެ 2,598 އެނދުގެ އިތުރުން 173 ސަފާރީއެއްގެ 3,484 އެނދެވެ. ނަމަވެސް، މީގެ ތެރެއިން މިވަގުތު އޮޕަރޭޝަނަލްކޮށް ހުރީ 67,829 އެނދު ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.


