logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ސެޕްޓެމްބަރު 2026 - 10:43
މިނިސްޓަރު އަމީން، ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އަމީން، ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ އައު ޤަވާޢިދެއް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. މި ޤަވާއިދުގެ ދަށުން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލުމަށް ވަނީ ހިމަނާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް އެބައޮތެވެ. މީގެ ތެރޭގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއް އޮޕަރޭޝަނަށް ނުގެނެވި ހޭދަވެފައިވާ ރަށްތައް ވެސް ހިމެނެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް، ފަޅު ރަށްރަށާއި ބިންތައް ނަންގަވައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މި ފަށާ މަސައްކަތުން މީގެ ރިކަވަރީ ލިބޭނެ ކަމަށް ޤަބޫލުކުރަނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާ ތަންތަން ހަތަރު ގިންތިއަކަށް ބަހާލައިގެން މައްސަލަ ހައްލުކުރުމަށް ޤަވާއިދުގައި އެކަށައަޅާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް ފަށައި ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު ފުރުޞަތުތައް ދިނުމާއި، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، 8 އަހަރަށް ވުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތް ތަންތަން ވަގުތުން ޓާމިނޭޓް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ދައުލަތަށް ގެއްލެމުންދާ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ ޢާމްދަނީ އަނބުރާ ލިބެން ފަށާނެއެވެ. އަދި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށިގެން ދިއުމާއެކު ރައްޔިތުންނަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، އިޤްތިޞާދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 24 މިނިޓު ކުރިންއެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް ހަހާސް ފަތުރުވެރިން ޒިޔާރަތްކުރޭޚަބަރު | 17 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރިން އަދަދު 1.3 މިލިއަނަށް، ގިނައީ ޒުވާން އަންހެނުންޚަބަރު | 19 ދުވަސް ކުރިންރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 24 ދުވަސް ކުރިން