ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަނުކުރާ ހިސާބުން ރިޓަޔަމެންޓް އެލަވަންސް މެދުކަނޑަނީ
21 ޑިސެމްބަރު 2025 - 17:31

ސަރުކާރުގެ އިސް މަޤާމުތަކަށް ރިޓަޔަރޑް ބޭފުޅުން އައްޔަނުކުރާ ހިސާބުން އެބޭފުޅުން އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އިނާޔަތް ނުލިބޭގޮތަށް ހެދުމަށް ކަމާގުޅޭ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރިޓަޔަރޑް ބޭފުޅުން އިސް މަޤާމުތަކަށް އައްޔަންކުރައްވަނީ އެބޭފުޅުންނަކީ އަޚުލާޤީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި އަދި ޤާބިލު ބޭފުޅުން ކަމަށްވާތީ ކަމަށާއި، ސަރުކާރަކީ ޤާބިލު، ހިންގުންތެރި، ފަސްބައި ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.

Ad by Hajj Corporation
ނަމަވެސް ރިޓަޔަރޑް ބޭފުޅުން މަގާމުތަކަށް އައްޔަންކުރުމުން، އެލަވަންސާއި މުސާރަ ދޭންޖެހި ޚަރަދު ބޮޑުވާ މައްސަލަ ރައްޔިތުންގެ ފަރާތުން ހުށަހެޅެމުންދާކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަޤާމަކަށް ނުވަތަ އިންތިޚާބީ މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު އައްޔަންވެއްޖެނަމަ ނުވަތަ އިންތިޚާބުވެއްޖެނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތަށް ރިޓަޔަމެންޓް އެލަވަންސް މެދުކެނޑޭނެނެކަމަށާއި ޑަބަލް އިނާޔަތް އެބޭފުޅުންނަށް ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ފުލުހުން، ސިފައިން، އަދި ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް އެބޭފުޅުންގެ ޤަވާއިދުތައް ބަދަލުކުރައްވަމުން އެ ގެންދަވަނީ. އިލެކްޓެޑް މަޤާމަކަށް ނޫނީ އެޕޮއިންޓެޑް މަޤާމަކަށް އައިސްފި ނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް، އަދި އެހެން ދައުލަތުގެ މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގަ މެދުކެނޑޭނެ. އެކަންވެސް މި ކުރަނީ ރައްޔިތުންގެ ހިޔާލާއެކުގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މި ސަރުކާރުގެ 5 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައި ތިއްބެވީ ރިޓަޔަރޑް ބޭފުޅުންނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ނެރުމަށްވެސް ސަރުކާރު ހިންގާ ޕީއެންސީން ނިންމާފައިވަނީވެސް ކުރިން ހިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭފުޅެކެވެ.


