ވަރުގަދަ ވިލަރެއާލް ބަލިކޮށް ތާވަލުގައި ބާސެލޯނާ ދަމަހަށްޓަމުން އައި ލީޑުގައި ހިފަހަށްޓައިފި
22 ޑިސެމްބަރު 2025 - 04:02

ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ޖުމްލަ 46 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އާއި ދެމެދު ދަމަހަށްޓަމުން އައި 4 ޕޮއިންޓްގެ ފަރަޤު ހިފަހަށްޓާފައެވެ. ރެއާލް މެޑްރިޑަށް 42 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ވިޔަރެއާލް އޮތީ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

Ad by Hajj Corporation
ލަލީގާގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ރަފީނިޔާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 39 ވަނަ މިނިޓުގައި ވިޔަރެއާލް އަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ރެނާޓޯ ވޭގާ، ބާސެލޯނާގެ ލަމީން ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ.
ފިނި މޫސުމާއި އައު އަހަރުގެ ޗުއްޓީއަށް ލީގުގެ ކުޅުން މިހާރު ވަނީ މެދުކަނޑާލާފައެވެ. ލަލީގާގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ


