ބާސެލޯނާގެ ކުރީގެ ކޯޗުންގެ ބަޔާނާއެކު ރިޝްވަތުގެ މައްސަލައިގައި ބާސެލޯނާ ކުޅޭނެ ކުޅިހުސްވަނީ
19 ޑިސެމްބަރު 2025 - 13:20

ސްޕެއިންގެ ފުޓްބޯޅަ ކުލަބު އެފްސީ ބާސެލޯނާއާ ދެކޮޅަށް ބާސެލޯނާގެ ކޯޓުގައި މިހާރު ކުރިޔަށްދާ ކޮރަޕްޝަންގެ މައްސަލައިގައި ތުހުމަތުކުރެވޭ ނެގްރޭރާ ހަނުހުރުމުގެ ހައްޤުބޭނުންކޮށްފައިވާއިރު، މިމައްސަލައިގައި މިހާތަނަށްވެސް ބާސެލޯނާއިން ބުނަމުން އައީ މިއީ ރިޝްވަތުގެ ފައިސާ ނޫންކަމަށާއި، މިފައިސާ ޚަރަދުކޮށްފައިވަނީ ރެފްރީންގެ މެޗުގެ ރިޕޯޓްގަތުމަށްކަމަށެވެ.
ވެލްވާޑޭ އާއި ލުއިސް އެންރިކޭ ހެކިބަސް ދެއްވުމުގެ ކުރިން، ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވެސް ވަނީ ކޯޓަށް ބަޔާން ދީފައެވެ. އޭނާ ވަނީ ބާސެލޯނާގެ ކުށެއް ނެތް ކަމަށް ދިފާއުކޮށް، އެ ކުލަބުން ފައިސާ ދައްކައިގެން ހޯދި ކަމަށް ބުނާ ރެފްރީ ރިޕޯޓްތައް މިހާރު ނެތް ކަމަށާއި އެ ނައްތާލާފައިވާކަމަށް ކޯޓުގައި ބުނެފައެވެ. ބާސެލޯނާގެ ދިފާއު ބިނާވެފައި ވަނީ، އެ ކުލަބުން ނެގްރެއިރާއަށް ފައިސާ ދައްކާފައި ވަނީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކަމަށާއި، އޭނާ ރެފްރީންގެ ކުޅުމާއި ސުލޫކާ ބެހޭ ރިޕޯޓްތައް ހުށަހެޅި ކަމަށް ބުނެއެވެ. އެހެންކަމުން ކުލަބުން މިދަޢުވާތަކުން ސަލާމަތްވުމަށް، އޭރު ދައްކާފައިވާ ފައިސާތަކަކީ ރެފްރީންގެ ރިޕޯޓްތައް ހޯދުމަށްކޮށްފައިވާ ޚަރަދުތަކެއްކަން ސާބިތުކޮށްދިނުން މިހާރު ވަނީ އެކުލަބަށް މަޖުބޫރުވެފައެވެ. ނަމަވެސް، މި މައްސަލަ ތަހުގީގު ކުރަމުންދާ ދުވަސްވަރު ކޯޗުންގެ ގޮތުގައި މަސައްކަތް ކުރެއްވި ވެލްވާޑޭ އާއި ލުއިސް އެންރިކޭ އިއްޔެ ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ އެ ރިޕޯޓްތައް ދުވަހަކު ވެސް ނުދެކޭ ކަމަށް ބުނެފައެވެ.

Ad by Hajj Corporation
އެތުލެޓިކް ކްލަބްގެ ކޯޗު އަދި ޕީއެސްޖީގެ މެނޭޖަރު ވެސް ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ވެލްވާޑޭ ވިދާޅުވީ އޭނާއަށް ނުވަތަ އޭނާގެ ސްޓާފުންގެ އެއްވެސް މީހަކަށް އެ ރިޕޯޓްތަކުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އަދި އެ ރިޕޯޓްތަކަކީ އެހާ ބޭނުންތެރި އެއްޗެއް ވެސް ނޫން ކަމަށެވެ. ވެލްވާޑޭ އިތުރަށް ވިދާޅުވީ، “އަހަންނަށް ވެސް އަދި އަހަރެންގެ ސްޓާފުންގެ އެއްވެސް މީހަކަށް ރެފްރީ ރިޕޯޓްތަކެއް ހުށަހަޅާފައެއް ނުވެއެވެ، ނަމަވެސް އެއީ ބޭނުންތެރި އެއްޗެއް ވެސް ނޫނެވެ.”
ޕީއެސްޖީގެ މެނޭޖަރު ލުއިސް އެންރިކޭ ވެސް ވަނީ މިކަމާ ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، “އަހަރެންގެ ފުރަތަމަ ދައުރުގައި އެފިލިއޭޓް ޓީމުގައި މަސައްކަތް ކުރިއިރު ވެސް، އަދި ފަހުން ސީނިއާ ޓީމުގައި އުޅުނުއިރު ވެސް ރެފްރީންނާ ބެހޭ އެއްވެސް ރިޕޯޓެއް އަހަރެމެންނަކަށް ހުށަހަޅާފައެއް ނުވެއެވެ.” މި ދެ ކޯޗުންގެ ބަޔާންތަކުން ދޭހަވަނީ، ބާސެލޯނާއިން ނެގްރެއިރާއަށް ފައިސާ ދައްކައިގެން ހޯދި ކަމަށް ބުނާ ރިޕޯޓްތަކަކީ ޓީމުގެ ކޯޗިން ސްޓާފުންނާ ހަމައަށް ވާސިލުވެފައި ނުވާ އެއްޗެއް ކަމެވެ. މިކަމުގެ ސަބަބުން މިމައްސަލައިގައި ބާސެލޯނާގެ ދިފާއު ބަލިކަށިވެ، ކުލަބާއި މެނޭޖްމަންޓުން މިހާރުތިބީ ހާސްކަމުގެ ތެރޭގައެވެ.
މިމައްސަލަތަކުގެ ތެރޭގައި ފައިސާ ފޮނުވުމަށް ބޭނުންކޮށްފައިވާ އެއް ބިލުގައި 60،000 ޔޫރޯ ބޭނުންކޮށްގެން އަލޯވެރާ ޖެލާއި ތެރޮ ގަނެފައިވާކަމަށް ބަޔާންކޮށްފައިވާތީ، އެވާހަކަ ވެސް ކޯޓުގައޮ ދައްކާފައިވެއެވެ. ދިފާއުގައި ބާސާއިން ބުނެފައިވަނީ އެބިލަކީ ކުރީގެ ބިލެއްކަމުން މިހާރު އެބިލް މަތިން ހަނދާން ނެތްކަމަށެވެ.
ނެގްރޭގާ މައްސަލައަކީ 2001 އިން 2018 އަށް 17 އަހަރުވަންދެން ބާސެލޯނާއިން ރެފްރީންގެ ކޮމިޓީގެ ވައިސް ޗެއާރ ނެގްރޭރާ އަށް ރިޝްވަތު ދިން މައްސަލައިގައި ބާސެލޯނާއާއި ދެކޮޅަށް ކުރާ ދަޢުވާތަކެކެވެ. މިމުއްދަތުގެ ތެރޭގައި ބާސެލޯނާއިން 4 ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، 9 ލީގު ތަށްޓާއި 6 ކޮޕަޑެލްރޭ ބާސެލޯނާއިން ކާމިޔާބުކޮށްފައިވެއެވެ. މިއީ ބާސެލޯނާގެ ތާރީޚުގައިވެސް އެންމެ ކާމިޔާބުދުވަސްތަކެވެ.


