ޝަރުތުތަކަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
25 ޑިސެމްބަރު 2025 - 10:44

ޝަރުތުތަކަކާއެކު ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލައިފިއެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލުމަށްފަހު އެމީހާ ދޫކޮށްލިކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށް، ޝަމްޢާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާރިޗު މަހުއެވެ.

Ad by Hajj Corporation
ޕްރޮސެކިއުޓަރ ޖެނެރަލް-ޕީޖީ އޮފީހުން މިއަދު ބުނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމާފައިވާކަމަށެވެ.
އެހެންނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައިކަމަށް ޕީޖީ އޮފީހުން މައުލުމާތުދެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ޝަމްއާން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށް އިރުޝާދު ދީ، އޭނާގެ އަތުން 500،000 ރުފިޔާ ނެގުމަށް އަންގާފައެވެ. މި ފައިސާގެ ތެރެއިން 400،000 ރުފިޔާ ޝަމްއާން ބަލައިގަނެ، އޭގެ ބައެއް ބޭނުންކޮށްގެން ދެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވެއެވެ.
ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ އޮފިސަރުންތަކަކަށްވެސް އެ މައްސަލައިގައި ދައުވާކުރެއެވެ.


