logoEN
ޚަބަރު

އާންމު މަސްލަހަތަށް ނުރައްކާވާ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު

އާމިނަތު ސަފާއާމިނަތު ސަފާ

19 ޖެނުއަރީ 2025 - 09:44

އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިފަދައިން ވިދާޅުވީ އާޓިފިޝަލް ބީޗުގައި މިމަހުގެ 17ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އަދި އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޝަމްޢާން ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އިމިގްރޭޝަނުން ނުދޭނެ ކަމަށެވެ.

އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނެތް ކަމަށް ޝަމްޢާން ވިދާޅުވިއިރު ދާދި ފަހުން އޭނާ ވަނީ މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އުޅެން މިއަދު ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި ސަރުކާރަށް ނުލިބިފައިވާ ބިދޭސީންނާއި ގުޅުން ހުރި ފީތައްވެސް މިހާރު ލިބެމުންދާ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު 5،613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ. ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder