ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދުލް އީމާން" ހުޅުވައިފި
26 ޑިސެމްބަރު 2025 - 09:35

އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި މިސްކިތް، "މަސްޖިދުލް އީމާން"، މިއަދުގެ ހުކުރު ނަމާދާއެކު ހުޅުވައިފިއެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ އިއްވާފައިވަނީ ޒުވާން ޚަޠީބު، އަލްޙާފިޡް އުވައިސް ބިން އިނާޒެވެ. ހުކުރު ނަމާދުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

Ad by Hajj Corporation
1200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް، ތިން ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްޞަ ތަނެއްގެ އިތުރުން، މިސްކިތުގެ ގޯތިތެރޭގައި ޕާކިންގ ޒޯނެއް ހަދާފައިވެއެވެ. މިސްކިތް ބިނާކޮށްފައިވަނީ އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ.
މިސްކިތުގެ ގްރައުންޑް ފްލޯގައި އަށް ފާޚާނާ ހަދާފައިވާއިރު، އޭގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދެ ފާޚާނާ ހަދާފައިވެއެވެ. މި މިސްކިތުގައި ވުޟޫކުރުމަށް ޚާއްޞަ ބައެއްވެސް ހަދާފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމާ، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި މާލެ އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ބިނާކުރެވޭ މިސްކިތްތައްވެސް ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައި ވެއެވެ.


