ގަވައިދާއި ހިލާފަށް ބިދޭސީން ހިންގާ 66 ވިޔަފާރި ބަންދުކޮށްފި
27 ޑިސެމްބަރު 2025 - 04:21

ގަވައިދާއި ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 66 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
ރާއްޖޭގައި ގަވައިދާއި ހިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތަކާ ދެކޮޅަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، މިހާތަނަށް މިކަމާ ގުޅޭ 307 ޝަކުވާއެއް ލިބިފައިވާ ކަަމަށާއި، އެ ޝަކުވާތަކާ ގުޅިގެން 153 ތަނެއް ބަލައި ފާސްކޮށް، 66 ވިޔަފާެރިއެއް ހުއްޓުވާފައިވާ ކަމަށެވެ.
ބަންދުކޮށްފައިވާ ތަންތަނުގެ ތަފްސީލު ހިއްސާކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވެގެން 46 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށާއި، އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން 20 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު 22 ވިޔަފާރިއެއް އަލުން ހުޅުވަން ހުއްދަދިން ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Hajj Corporation
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިިދިޔަ މަހުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގައި ގަވައިދާއި ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އެ ވުޒާރާއިން ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 30 އަށްވުރެ ގިނަ ދާއިރާ ހިމެނޭހެން ލިސްޓެއް އެކުލަވާލާފައެވެ.
ގަވައިދާއި ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެ ދެގޮތް ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވަނީ، ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވުމެވެ.


