ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޕީއެންސީގެ ޕްރައިމަރީ ފަށައިފި
27 ޑިސެމްބަރު 2025 - 05:14

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
އެ ޕާޓީގެ ޕްރައިމަރީ ހެނދުނު 9:00 ޖެހިއިރު ފަށައިފައިވާއިރު، 16:00އަށް ވޯޓުލުން ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގައި އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުން ވޯޓުލުން ކުރިއަށްގެންދަނީ އިސްކަންދަރު ސްކޫލުގައެވެ.

Ad by Hajj Corporation
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ޕާޓީ ޕޯޓަލްއިން، ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.
އެ ޕާޓީން ބުނީ ގޮތުގައި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.
ޕީއެންސީން ބުނީ، އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީން މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ހިތަދޫ، ސްޓާސް، ޑރ. އަހުމަދު އަދީލް ނަސީރާއި ހިތަދޫ، ތުނިޔަ، މުޝްރިފް އަލީއެވެ.
ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ ނަންބަރު، 9323686އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ޕީއެންސީގައި މިހާރު 68،665 މެމްބަރުން އެބަތިއްބެވެ. މިއާއެކު އެ ޕާޓީ ވެފައި ވަނީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ޕީއެންސީއާއި އެހެން ޕާޓީތަކުން ވެސް ތައްޔާރީތައް ފަށާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.


