ޖީޕީ ކްލިނިކުގައި ކުޑަކުދިންގެ ޚިދުމަތްތައް މާދަމާ ފަށަނީ
27 ޑިސެމްބަރު 2025 - 16:42

މިދިޔަ މަހު ރަސްފަންނު ސަރަހައްދުގައި ހުޅުވި މާލޭގެ ފުރަތަމަ އާބަން ހެލްތު ކެއާ ސެންޓަރުން ކުޑަކުދިންނަށް ޚާއްސަ "ޗައިލްޑް ހެލްތު ކްލިނިކް"ގެ ޚިދުމަތްތައް މާދަން ފަށާނެ ކަމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިރޭ ބުނެފިއެވެ.
އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ ޚިދުމަތްތައް މާދަމާއިން ފެށިގެން ހުކުރު ދުވަސް ފިޔަވައި، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 12އަށް، އަދި މެންދުރު 13:00އިން 15:30 އަށް ލިބޭނެއެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10އިން މެންދުރު 14:00 އާ ހަމައަށް އެ ކުލިނިކުން މި ޚިދުމަތްތައް ދޭނެއެވެ.

Ad by Hajj Corporation
މި ގަޑިތަކުގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޚިދުމަތް ވެސް، އާބަން ކްލިނިކުން ދޭނެއެވެ.އެހެންނަމަވެސް އައިޖީއެމްއެޗުން މައުލޫމާތުދޭ ގޮތުގައި ވެކްސިން ޖެހުމުގެ ޚިދުމަތް ދޭނީ އެޕޮއިންޓްމަންޓުގެ އުސޫލުންނެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހެވެ.
އެ ސެންޓަރު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.


