ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންގެ ހަބަކަށް ޑެވެލޮޕްމަންޓް ބޭންކް ވާނެ: ރައީސް
ރައީސް ޑރ. މުޢިއްޒު، ކެބިނެޓްގެ ބައްދަލުވުމެއްގައި --- ފޮޓޯ/ ރައީސް އޮފީސް
26 އޯގަސްޓު 2024 - 04:43
ރާއްޖެއަށް އެކި ދާއިރާތަކުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް، ޑެވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ވާނީ ހަބަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، ޑީބީއެމްގެ ސީއީއޯ އަދި ޗެއާމަންގެ މަގާމަށް އައްޔަނުކުރެއްވުނު ބޭފުޅުންނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމުގެ ކުރިން، ސޯޝަލް މީޑިޔާއަށް ދޫކުރެއްވި ވީޑިޔޯ މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ޑީބީއެމް އަކީ ވަރަށް ތާރީޚީ ކަމެއްގެ ފެށުން ކަމަށާއި، އެ ބޭންކް ގާއިމްކުރުމަކީ ރާއްޖޭގެ އިގްތިސާދު ސިންދިފަތާުކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއްކަން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެ ބޭންކްގެ ސީއީއޯ އަދި ޗެއާމަންގެ މަގާމަށް އައްޔަން ކުރެވޭނީ ދުނިޔޭގެ އެކި ތަންތަނުގައި ގިނަ ދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.
މިއީ ވަރަށް ތާރީޚީ ކަމެއް މި ފެށެނީ، އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި، އިގްތިސާދު ޑައިވާސިފައިކޮށް އިގްތިސާދު ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ވައުދު ޑެވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގާއިމް ކުރުމަކީ. އިރާދަކުރެއްވިއްޔާ ބޭންކު ގާއިމް ކުރެވުނީ ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު، ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯ އަކަށް ވެސް ހަމަޖެހިފައިމިވަނީ، ޗެއާމަނަކަށް ވެސް ހަމަޖެހިފައިވަނީ - ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވީ، އެ ބޭންކު ވާނީ ރާއްޖެއަށް އެކި ދާއިރާތަކުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް، ހަބެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ، ރިނިއުބަލް އެނާޖީގެ ދާއިރާ، ރިއެލް އެސްޓޭޓް އަދި ހައުސިންގެ ދާއިރާގެ އިންވެސްޓަރުނަން މި ބޭންކް ހަބަކަށް ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ޑެވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަސައްކަތްކޮށް، އެ ބޭންކުގެ ގަވާއިދުތައް އެކުލަވާލުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ)ގެ ނަމުގައި އިދާރާއެއް މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ އުފައްދާފައެވެ.
އެގޮތުން ޑީބީއެމް އުފެދުނީ މިދިޔަ މޭއި މަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ގަރާރަކުންނެވެ. އެ ބޭންކު އުފެއްދުމުގެ އެއް ސަބަބުގެ ތެރޭގައި އިގުތިސާދީ އަދި ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުން އަނބުރާ ދަައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.