ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި
30 ޑިސެމްބަރު 2025 - 05:08

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުއާ ދަންނަވާފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ، ފުއްޕާމޭގެ އިންފެކްޝަންގެ އަލާމާތްތަކެއް ހުރެގެން ހުސްވި ނޮވެމްބަރުމަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް މިއަދު ހނެދުނުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ޚާލިދާ އަވަހާރަވީއިރު، އުމުރުފުޅަކީ 80 އަހަރެވެ.
1991 ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާފައިވާ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިހާބު ކުރައްވައި ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަގާމު ހޯއްދެވީ ޚާލިދާއެވެ.


