މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ: މިނިސްޓަރ އިބްރާހިމް ވަހީދު
30 ޑިސެމްބަރު 2025 - 10:41

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކުރިން ހިންގާ ޕްރޮސެސްގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޝަރުތު ހަމަވާ މީޑިއާތަކުގެ ލިސްޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 41 މީޑިއާ ހިމެނޭ މި ލިސްޓް ކަނޑައަޅާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިވަގުތު އެ މިނިސްޓްރީއަށް ލިބިފައި އޮތީ، މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެއް ކަމަށެވެ.
ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މަޢުލޫމާތަށް މިހާރު ކޮމިޝަނުގެ ފަރާތުން އެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތް ފެށިއިރު، މިކަމުގެ މަސައްކަތް ކުރަމުން ދިޔައީ އެ ވުޒާރާގެ ފަރާތުން ކަމަށެވެ. ނަމަވެސް ވުޒާރާގެ ފަރާތުން މިމަސައްކަތް ކުރުން އެންމެ ރަނގަޅު ގޮތް ނޫންކަމަށް މީޑިއާތަކުން ފާހަގަކޮށްފައިވާތީ އެކަން ޤަބޫލުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީގެ ފަރާތުން ދެން މިކަން ހަވާލުކުރީ، މީޑިއާ ކޮމިޝަނާއި ކަމަށާއި އެ ތަނުގެ ފަރާތުން މިކަމަށް ބޭނުންވާ އުސޫލު ޤާއިމް ކުރުމާއި، މީޑިއާތަކާޢި ބައްދަލުކުރުމާއި، މައުލޫމާތު އެއްކުރުމާއި، މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިމަސައްކަތުގައި ވުޒާރާގެ ދައުރަކީ މިހާރު މެދުވެރިއެއްގެ ދައުރު ކަމަށެވެ. އެގޮތުން ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފްސީލްތައް ލިބުމާއެކު މީޑިއާތަކަށް ފައިސާ ދިނުމަށް މާލީ ވުޒާރާއަށް ފޮނުވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ މީޑިއާތަކަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވެއެވެ.

Ad by Hajj Corporation


