އޮފްސައިޑް ޤަވާއިދު ބަދަލުކުރަން ފީފާއިން މަސައްކަތްފެށުމާއެކު ބާސެލޯނާ ތުރުތުރު އަޅަންފަށައިފި
1 ޖެނުއަރީ 2026 - 06:56

ފުޓްބޯޅައިގެ އޮފްސައިޑް ގަވާއިދަށް ބޮޑު ބަދަލެއް ގެނައުމާ ގުޅޭގޮތުން ދިރާސާކުރަމުންދާކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ. މި މަޝްވަރާތައް އިތުރަށް ހަލުވިވެގެން ދިޔައީ ދުބާއީގައި ބޭއްވި ވޯލްޑް ސްޕޯޓް ސަމިޓުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މައުޟޫއަށް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ދަނީ ކުޅިވަރުގެ ގަވާއިދުތައް މުރާޖައާކޮށް، ފުޓްބޯޅައަކީ މިއަށްވުރެ ބޮޑަށް އެޓޭކިންގް އަދި ޝައުގުވެރި ކުޅިވަރަކަށް ހެދޭނީ ކިހިނެއްތޯ ބަލަމުން،" އިންފަންޓީނޯ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ މަގްސަދަކީ ކުޅިވަރުގެ އިންސާފުވެރިކަން ގެއްލުވާނުލައި، ކުޅިވަރު ބަލާ މީހުންނަށް އިތުރު ފޯރިއެއް ގެނެސްދިނުމެވެ.
މިބަދަލާއެކު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ބާސެލޯނާއަށެވެ. ސަބަބަކީ ފާއިތިވެދިޔަ ދެ ސީޒަނުގައި ބާސެލޯނާއިން ވަނީ ފުޓްބޯޅައިގެ ރެކޯޑް އަދަދަކަށް އޮފްސައިޑް ގައި އިނދިކޮޅު ކުޅުންތެރިން ޖައްސުވާފައެވެ. ބާސެލޯނާގެ ކޯޗުކަމާއި ފްލިކް ހަވާލުވީފަހުންޓީމުގެ ކުޅުމާއި ވައްޓަފާޅި ބައްޓަންވެފައި އޮންނަނީ އޮފްސައިޑް ޓްރެޕްގެ މައްޗަށެވެ. އެހެންކަމުން މިބަދަލާއެކު އެންމެ ބޮޑޫ އަސަރެއް ކުރާނީ ބާސެލޯނާއަށްކަން ޔަޤީނެވެ.

Ad by Hajj Corporation
މި ބަދަލުގެ އެންމެ މައިގަނޑު އަސާސަކީ ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ ހުށަހަޅުއްވާފައިވާ "ވެންގާ ލޯ" އެވެ. މި ހުށަހެޅުމުގައިވާ ގޮތުން، އެޓޭކްކުރާ ކުޅުންތެރިޔާ އޮފްސައިޑްވާނީ އޭނާގެ މުޅި ހަށިގަނޑު ޑިފެންޑަރަށްވުރެ ކުރީގައި އޮތުމުންނެވެ. މިއީ މިހާރު އޮންނަ ގަވާއިދާ ވަރަށް ތަފާތު ގޮތެކެވެ.

މިހާރު އޮންނަ ގަވާއިދުގެ ދަށުން، ކުޅުންތެރިޔާގެ ކޮނޑު ނުވަތަ ކަކޫ ފަދަ ކުޑަ މިންވަރެއް ކުރީގައި އޮތް ނަމަވެސް ވީއޭއާރު (VAR) މެދުވެރިކޮށް އެއީ އޮފްސައިޑް ކަމަށް ނިންމައެވެ. މިފަދަ ކުދިކުދި ނިންމުންތަކުގެ ސަބަބުން އުފެދޭ ހިޔާލުތަފާތުވުންތައް މަދުކުރުމަކީ އާ ގަވާއިދުގެ އެއް އަމާޒެވެ. "ފަހަރުގައި މުސްތަގުބަލުގައި އޮފްސައިޑްވާނީ އެޓޭކަރ މުޅިން ކުރީގައި އޮތުމުން ކަމަށް ވެދާނެ،" އިންފަންޓީނޯ ތަފްސީލުކޮށްދެއްވިއެވެ.
އިންފަންޓީނޯ ވިދާޅުވި ގޮތުގައި ގަވާއިދުތަކަށް މިގެންނަ ބަދަލުތަކަކީ ޓެކްނޮލޮޖީއާއެކު ފުޓްބޯޅަ ތަރައްގީވަމުންދާ ދިއުމުގެ ބައެކެވެ. ވީއޭއާރު ތައާރަފްކުރީ ފުޓްބޯޅައަކީ އިންސާފުވެރި ކުޅިވަރަކަށް ހެދުމަށާއި، އެތައް މިލިއަން ބަޔަކަށް ފެންނަ ގޯސްތައް ރެފްރީންނަށް އިސްލާހުކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.
ފީފާއިން ބުނާ ގޮތުގައި މި ބަދަލު ރަސްމީކޮށް އަމަލުކުރަން ފެށުމުގެ ކުރިން ގިނަ ޓެސްޓުތަކެއް ކުރެވޭނެއެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ ރެފްރީންނަށް މިއަށްވުރެ ސައްހަ ނިންމުންތައް ނިންމުމުގައި އެހީތެރިވެދިނުމެވެ. ފީފާގެ އަމާޒަކީ މިބަދަލު މިއަހަރުގެ ވޯލްޑްކަޕަށްފަހު ގެނައުންކަމަށް ރިޕޯޓްތައް ބުނެއެވެ.


