އާސަނަލްގެ ކުރީގެ ކެޕްޓަން، އުމުރަށް ގައުމީ ޓީމުން އެކަހެރިކޮށްފި
2 ޖެނުއަރީ 2026 - 05:12

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން އާސަނަލްގެ ކުރީގެ ކެޕްޓަން، ޕިއެރ އެމަރިކް އައުބަމެޔަންގް، އުމުރަށް ގައުމީ ޓީމުން އެކަހެރިކޮށްފިއެވެ.
އޭނާ ނިސްބަތްވާ ގެބޯން އިން މުޅި މުބާރާތުގައި ދައްކާފައިވާ ދަށް ކުޅުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން ވަނީ ޓީމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އައުބަމެޔަންގް ޓީމާ ދުރުކުރުމުގެ އިތުރުން، ފާއިތުވި ދެއަހަރު ޓީމުގެ ކޯޗުގެ މަގާމު އަދާކޮށްފައިވާ ތިއޭރީ މައުޔޫމާ ވަނީ މަގާމުން ވަކިކޮށްފައެވެ.

Ad by Hajj Corporation
ގެބޯންގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މިފަދައިން އަމަލުކުރަން ޖެހުނީ، އެފްކޮންގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، އެގައުމު ނެރުނު ދަށް ލަދުވެދި ނަތީޖާގެ ސަބަބުން ކަމަށެވެ.
ގެބޯން މުބާރާތުން ކެޓީ ގްރޫޕުގެ ފަހު މެޗުގައި އައިވަރީ ކޯސްޓް އަތުން މޮޅުވާން ޖެހިފައި އޮތް މެޗު ކުޅުމުގެ ކުރިންނެވެ. އަދި މި މެޗުގައި، ކަންގާ އަދި ބޮއަންގާގެ ދެ ލަނޑުން ލީޑު ނަގާ، މުބާރާތުގެ ހުރިހާ މެޗަކުން ބަލިވުމުގެ ލަދުން ސަލާމަތްވުމުގެ އުންމީދު ބޮޑުކޮށްފައި އޮއްވައި ފަހަތުން އަރައި އައިވަރީ ކޯސްޓް މޮޅުވީ ތިން ލަނޑު ޖަހައިގެންނެވެ. އައުބަމެޔަންގް ވަނީ މެޗުގެ ކުރިން އަނިޔާގެ ބަހަނާ ދައްކާ، ފްރާންސްގެ ލިއޯން އަށް އެނބުރިގޮސްފައެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން ގެބޯން އަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ އައުބަމެޔަންގް ވަނީ، އޭނާއަށްވުރެ ގައުމީ ޓީމުގައި ހުރި މައްސަލަތައް ގިނަ ކަމަށް ބުނެ، އެ މައްސަލަތަކުގެ އަޑިއަށް ފީނާ، އެކަންކަން ހައްލުކުރަން އުޅުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނެފައެވެ.
މުބާރާތްތަކުގެ ނަތީޖާ ގޯސްވުމުން އެފްރިކާގެ ގައުމުތަކުން މިފަދަ ފިޔަވަޅުތައް އެޅުމަކީ ދޭތެރެދޭތެރެއިން ފެންނަ މަންޒަރެއް ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން، ސަރުކާރުން ފުޓްބޯޅަ ހިންގުމުގެ ތެރެއަށް ސީދާ ވަނުން މަނާކުރުމާއި އެފަދަ ކަންކަން ކުރުމުން ފިޔަވަޅު އަޅާތީވެ ކުރިން ފެންނަ ވަރަށް މި މަންޒަރު މިހާރު ނުފެނެއެވެ.


