logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ވަޒީރު އަމީން

އާމިނަތު ޝަފާ
2 ޖެނުއަރީ 2026 - 07:35
ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ވަޒީރު އަމީން

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ބުނެ އެ ގައުމުގެ ނޫސްތަކުގައި ފެތުރެމުންދާ ހަބަރުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިންޑިއާގެ "ދަ ހިންދޫ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާ ހަވާލުވެދިނުމަށް ދިވެހި ސަރުކާރުން ވަނީ އެދެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާ ހަވާލުވުމާއިމެދު ގޮތެއް ނިންމުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާ ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

"މެންދުރަށް" މައުލޫމާތު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގުމަށް އެއްވެސް ގައުމެއްގެ ކުންފުންޏަކާ މި ސަރުކާރުން ހަވާލު ނުކުރާނެކަމަށެވެ.

އަދި ފެތުރެމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ އަދި ދާހިލީ ހުރިހާ އެއާޕޯޓުތަކެއް ހިންގާ ބަލަހައްޓަމުންދަނީ، މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީން ހުއްދަދީފައިވާ ދިވެހި އޮޕަރޭޓަރުންކަން ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުތައް ހިންގުމުގެ އެންމެހާ ކަންކަން ހިންގަމުންދާނީ ގައުމީ މުއައްސަސާތަކުގެ ބެލުމުގެ ދަށުންކަމަށް ވިދާޅުވިއެވެ.

2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވީ ހުސްވި ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުގެ ރެއެވެ.

2012 ވަނަ އަހަރު ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއަރޕޯޓުގެ ތަރައްޤީގެ ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެއަރޕޯޓުގެ މަސައްކަތް ނިންމައި، ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތުގެ 70 އިންސައްތަ ފުރިހަމަކޮށް ނިންމީ މި ސަރުކާރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުން: ވަޒީރު އަމީންޚަބަރު | 2 ގަޑިއިރު ކުރިން