ރަސްމާލެ ސައިޓް އޭ: 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރު ހިއްކައިފި
5 ޖެނުއަރީ 2026 - 07:57

ރަސްމާލެ މަޝްރޫޢުގެ ދަށުން "ސައިޓް އޭ"އިން 56 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.
"ސައިޓް އޭ"ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ.
މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރުތަކާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ "ސައިޓް އޭ"އިން ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation
އެ މަޝްރޫއުގެ އަދާހަމަ ހިއްސާ ކުރައްވަމުން އެމްއޭސީއެލް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 41 އިންސައްތަ ކަމަށެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަސައްކަތް ފެށީ 2024 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.
ސަރުކާރުން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރަސްމާލެއިން ބޯހިޔާވަހި ކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ބޯހިޔާވަހި ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.


