އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފި
12 އޯގަސްޓު 2026 - 11:55

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އެ ކުންފުނީގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އެއިމް) ރަސްމީކޮށް އިފްތިތާޙުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. ޗާންސެލަރގެ އަރިހުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީ.އީ.އޯ އިބްރާހީމް ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީ.އީ.އޯ ޝަރީފް ވިދާޅުވީ، އޭ.އައި.އެމްގެ މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމް.އޭ.ސީ.އެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ތަނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތަޢުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ޖުމްލަ 29 ދަރިވަރުން ވަނީ އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 1 ޖޫން އިން 9 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ.
ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ. މި ޕްރޮގްރާމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.


