ކެނޑިޑޭޓުންގެ ފޯމު ފުރައި ފައިސާ ދެއްކުމަށް "މައި ޕޯޓަލް" ހުޅުވާލައިފި
6 ޖެނުއަރީ 2026 - 13:35

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026އަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށް "މައި ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މިހާރު ޕޯޓަލް ހުޅުވާލިނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ލެވޭނީ އިންތިޚާބަށް ރަސްމީކޮށް އެ ކޮމިޝަނުން އިއުލާނުކުރުމުންކަމަށް ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ، ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީ، އިންތިޚާބަށް ރަސްމީކޮށް އިއުލާނުކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެނޑިޑޭޓުގެ މަޢުލޫމާތާއި، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިޚާބަށް ދައްކަންޖެހޭ އިދާރީ ފައިސާދެއްކޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލްމެދުވެރިކޮށްކަމަށެވެ.
"ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑުކުރައްވާއިރު ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކޮމިޝަނުން ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް 2025 ޑިސެމްބަރު 1ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު މައި ޕޯޓަލްއަށް އަޕްލޯޑުކުރަންވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން އޮންލައިންކޮށް ރިކޯޑަށް އެދި ހުށަހަޅާއިރު ކެނޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ނަގަންވާނެ ކަމަށް ވަނީ ބުނެފައެވެ.
އިންތިޚާބަށް ރަސްމީކޮށް އިއުލާނުކުރަންވާއިރަށް، ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު އިދާރީ ފައިސާ ދައްކަވާ ތައްޔާރުވެގެން ތިއްބެވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މައި ޕޯޓަލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެއެވެ.


