ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ރީކޯ މޫސަ ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
8 ޖެނުއަރީ 2026 - 12:02

ރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް މޫސާ މަނިކު ވިދާޅުވި މައްސަލަ ޢިލްމުވެރިންގެ ގުޅުމުން ފުލުހަށް ހުށަހަޅައިފިއެވެ.
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޖަލްސާއެއްގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު (ރީކޯ)، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކޮށްދެއްވައި، އޭނާއަށް ފިޔަވަޅު އެޅުމަށް އެދި ޢިލްމުވެރިންގެ ގުޅުމުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ފުލުސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ، މި ހިނގާ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވީ އަންގާރު ދުވަހުގެ ރޭ އަލްފާޟިލް މޫސާ މަނިކު ދެއްކެވި ވާހަކައަކީ ވަރަށް ނުރައްކާތެރި އަދި ޙައްސާސީ މައްސަލައެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ސިފަކޮށްފައިވެއެވެ.
އެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޢިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް ޢަލީ (رحمه الله) އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ ޢިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ. މޫސާ މަނިކުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކަން ފާހަގަކޮށް، ބަޔާނުގައި ޤާނޫނީ ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ:
އެއީ: 1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2015): މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް "ތަކްފީރު" ކުރުމުގެ ފިކުރު ފެތުރުން ނުވަތަ މުސްލިމުން ކާފަރު ކުރުމަކީ ކުށެކެވެ.
2. ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/1994): ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ.
3. ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 6/2014): މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެކެވެ.
ސިޓީ ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުން ފުލުހުންގެ ކިބައިން އެދިފައިވަނީ މި ނުކުތާތަކަށް ރިޢާޔަތްކޮށް، މޫސާ މަނިކާއި އޭނާގެ ދައްކަވާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓްކުރި ޗެނަލްގެ މައްސަލަ ތަޙްޤީޤުކޮށް، އެކަމާ ގުޅުން ހުރި ފަރާތްތަކާ މެދުގައި ޤާނޫނީ ފިޔަވަޅު އަޅައިދެއްވުމަށެވެ.


