މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް އިމިގްރޭޝަނުން އެދިއްޖެ
11 ޖެނުއަރީ 2026 - 07:16

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިންނާއި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އެދިއްޖެއެވެ.
އިމިގްރޭޝަނުން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ބަދަލުތަކެއް އައިސްފައިވާތީއެވެ.

Ad by Hajj Corporation
އީ-ވީސާގެ ޚިދުމަތާ ގުޅިގެން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، ވޯކް ވިސާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީސާއެއް އޮވެގެންނެވެ. އަދި އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ނަމައެވެ.
މީގެ އިތުރުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، އެ ބިދޭސީއެއްގެ ވޯކް ވިސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީސާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީސާގެ މުއްދަތު އޮތްތޯ ކަށަވަރު ކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
ރާއްޖޭގައި އީ-ވީސާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ.


