އިންތިޚާބާ ދިމާކޮށް ރިޝްވަތުގެ ޢަމަލެއް ނުހިންގުމަށް އީސީއިން ޢިލްތިމާސްކޮށްފި
12 ޖެނުއަރީ 2026 - 11:13

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ދިމާކޮށް ރިޝްވަތުގެ އަމަލެއް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޢިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުންނާއި، ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާޢީދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ދުވަސްވަރެއް ކަމަށާއި، އަދި މިދުވަސްވަރު ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށްޓަކައި އިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި، ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވެ ތިބުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޢާންމު އިންތިޚާބުތަކުގައި ހިފަހައްޓަން ޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ޙުރުމަތްތެރިކޮށް ހިތުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

Ad by Hajj Corporation
ދިވެހިރާއްޖޭގައި ބާއްވާ ޢާންމު އިންތިޚާބުތަކުގައި، ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގައްޔާއި ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށާއި މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށްއެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ޙަޤީޤީ ބާރުވެރިކަމާއި، މަންފާ ރައްޔިތުންނަށް ލިބިގެން ދާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށާއި، މިފަދަ އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ޙަވާލުކުރާނެ ހަރުދަނާ ޤާބިލު ބަޔަކު ކަނޑައެޅިގެން ދިޔުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން އިތުރުރަށް ބުނީ، ޤައުމުގެ މުސްތަޤުބަލަށްޓަކައި ރައްޔިތުން ވިސްނާ ފިކުރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.
އިންތިޚާބުތަކުގައި ރިޝްވަތުގެ ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑުގެ ތެރޭގައިވެސް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. އެހެންކަމުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން ވަނީ ޢިލްތިމާސްކޮށްފައެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.


