ވާދޫ ގްރީން ފާމްއަކީ މުޅި ގައުމަށް ހުރި ނަމޫނާއެއް: މިނިސްޓަރ
14 ޖެނުއަރީ 2026 - 07:19

ރ. ވާދޫގައި ސަރުކާރުން ގާއިމުކުރި 'ވާދޫ ގްރީން ފާމް' އަކީ މުޅި ޤައުމަށް ހުރި މަތިވެރި ނަމޫނާއެއްކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ރ. ވާދޫ ގްރީން ފާމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ މި މަޝްރޫޢަކީ ހަމައެކަނި ދަނޑުވެރިކަމުގެ ހަރަކާތެއް ނޫން ކަމަށާއި މިއީ އިޖާދީ އައު އުކުޅުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން މުޖުތަމަޢު ބާރުވެރިކުރުވުމުގެ ރީތި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެއްކަން ވެސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢުގައި އެންމެ އިސްކަމެއް ދެވިފައިވަނީ ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމުގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުވުމަށް ކަމަށާއި އަންހެނުންނަށް ދަނޑުވެރިކަމުގެ ޒަމާނީ ފަންނުތަކާއި ހުނަރުތައް އުނގަންނައިދީ، އަމިއްލައަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އާއިލާތަކުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުމާއެކު ހައިޑްރޯޕޮނިކްސް ނިޒާމުތައް ހިންގުމުގައި 6 ކިލޯވޮޓުގެ ސޯލާ ޕެނަލް ބޭނުންކުރުމަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވިދާނެކަމުގެ ހެއްކެއް ކަމުގައި ވެސް ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ނުވަތަ "ކާބަން ފުޓްޕްރިންޓް" މަދުކުރެވުމުގެ އިތުރުން، މަސައްކަތް ހިންގުމަށް ހިނގާ ޚަރަދުތައްވެސް ނިސްބަތުން ކުޑަކުރެވިގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކާއި ޚާއްޞަގޮތެއްގައި، ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ އަދި މަދުން ފެންނަ ގަސްގަހާގެހި އާލާކުރުމާއި، ބޮނބި ބޭނުންކޮށްގެން ބޮނބިކުނޑި އުފެއްދުމުގެ މަސައްކަތަކީ، ދިވެހިރާއްޖޭގައި 'ސާކިއުލާ އިކޮނޮމީ' ނުވަތަ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ އުސޫލުތައް ފުޅާކުރަންޖެހިފައިވާ މިންވަރު ހާމަކޮށްދޭ މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ތިމާވެށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން، އިޤްތިޞާދީ ގޮތުންނާއި ވިޔަފާރީގެ ނަފާ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ވާދޫ ގްރީން ފާމް ގައި 5،000 އަކަފޫޓުގެ ސަރަޙައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފައިވާއިރު، ކޮންމެ ނިޒާމަކަށް 2،000 ލީޓަރުގެ ފެން ރައްކާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މުޅި އަހަރު ދުވަހު މެދުނުކެނޑި ފެން ފޯރުކޮށްދިނުމަށްޓަކައި، 5،000 ލީޓަރުގެ އިތުރުން، ފެން ރައްކާކުރާ އިތުރު ތިން ނިޒާމެއް ބިނާކޮށްފައިވެއެވެ.


