logo
Bank of Maldives

Bank of Maldives

ޚަބަރު

"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖުތިމާޢީ ޒިންމާއެއް"

އިސްމާޢިލް ރާތިޢު
16 މާރިޗު 2026 - 05:59
އޮޅުހިޔާގައި ގެންގުޅޭ ބުޅަލެއް -- ފޮޓޯ: ރައީސް އޮފީސް
އޮޅުހިޔާގައި ގެންގުޅޭ ބުޅަލެއް -- ފޮޓޯ: ރައީސް އޮފީސް

ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.

ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އަނިޔާކުރަމުންދާ ކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން ވަނީ މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރަކަށް އައިސް ރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލާ ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ. ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މިފަހުން އަމަލުކުރަން ފެށި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ޤާނޫނުގައިވެސް ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ޤާނޫނުގައި އެކަންކަން ބަޔާންކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށެވެ.

ޤާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބޭ ޙައްގުތައް:

• ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
• ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން
• ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން
• ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން
• އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލާ ދޫކޮށްލާ ފަރާތްތަކާމެދު، ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ފިޔަވަޅުތައް މި ޤާނޫނުގެ ދަށުން އެޅޭނެކަން ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހަނދައިންކޮށްދީފައި ވެއެވެ.

ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ، އަލަށް ޢަމަލުކުރަންފެށި ޤާނޫނުގެ ދަށުން މަނާކަމެކެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީވެސް މަނާކަމެކެވެ.

ޖަނަވާރުންނާމެދު އިހާނެތި އަމަލެއް ހިންގައިފިނަމަ ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގައި ބަލަހައްޓާ ޖަނަވާރެއް އާންމު ތަނަކަށް ދޫކޮށްފިނަމަ 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޖަނަވާރުންނަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަކީ އިސްލާމްދީނުގައި ބާރު އަޅާކަމެއްކަންވެސް ދިރޭތަކެއްޗާބެހޭ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ކީރިތި ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމަކީ އިންސާނުންގެ މައްޗަށް އޮތް ދީނީ އަދި އަޚްލާޤީ ޒިންމާއެއްކަމަށާއި އެއްވެސް ބޭނުމެއްނެތި ޖަނަވާރުންނަށް ތުރާލެއްދިނުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެއްކަން ދިރޭތަކެއްޗާބެހޭ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޛުކުރުމާއި، އެތަކެތީގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖުތިމާޢީ ޒިންމާއެއް"ޚަބަރު | 2 ގަޑިއިރު ކުރިންދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 5 ދުވަސް ކުރިންގޮއިދޫ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | މަހެއް ކުރިން