އެގްރޯފޮރެސްޓްރީ ޕޮލިސީ އެކުލަވާލައިފި
16 ޖެނުއަރީ 2026 - 04:17

ނޭޝަނަލް އެގްރޯފޮރެސްޓްރީ ސިޔާސަތު އެކުލަވާލައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާ ޙަވާލުކޮށްފިއެވެ.
"ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026"ގެ ން ދީފައިވާ ސިޔާސަތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާރޗު (ސީއައިއެފްއޯއާރު - އައިސީއާރުއޭއެފް)އާއި ގުޅިގެން އެކުލަވާލި ސިޔާސަތެކެވެ.
މި ސިޔާސަތުގެ ދެލިގަނޑު ޙަވާލުކޮށްދެއްވީ، ޑިރެކްޓަރ ޖެނެރަލް އޮފް ވޯލްޑް އެގްރޯފޮރެސްޓްރީ، ޑރ. އެލިއަން އުބަލިޖުރޯއެވެ. އަދި އެ ވުޒާރާގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ، ވަޒީރު ޑރ. މަރްޔަމް މާރިޔާއެެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ޙާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން މި ސިޔާސަތުގައި ވަނީ ބަޔާންކޮށްފައެވެ. ޚާއްޞަކޮށް، ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ޙިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާން ކުރުމަކީ މި ސިޔާސަތުގެ ބޭނުމެއް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުވައި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ސިޔާސަތު ތަންފީޒުވުމުން ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ވެގެންދާނެ ކަމަށެވެ. އެހެންކަމުން، މިސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭކަމަށް ދަނޑުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެގްރޯފޮރެސްޓްރީއަކީ ރަށްރަށުގެ ގަސްކަރައިގައި ދިގަށް ހެދޭ ބޮޑެތި ގަސްތައް ކަނޑާނުލާ، އެފަދަ ސަރަޙައްދުތަކުގައި ކުރާ ދަނޑުވެރިކަމެކެވެ. މިއީ، ރާއްޖެއަށް މުޅިން އަލަށް އާލާކުރަން މަސައްކަތް ކުރާ ދަނޑުވެރިކަމުގެ ބާވަތެކެވެ.
މިހާރު ޢާއްމުކޮށް ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގޮތަކީ، ރަށްރަށުގައި ވައު ހެދިފައި އޮންނަ ސަރަޙައްދުތަކުގެ ގަސްތައް މުޅިން ކަނޑާ، ބިން ސާފުކޮށްގެން ކުރާ ދަނޑުވެރިކަމުގެ ބާވަތެވެ. އެގްރޯފޮރެސްޓްރީއަށް ހޭޅި ނުވަތަ ރަށުގެ ގަސްކަރަ އާލާކުރުމޭވެސް ކިޔައެވެ. މިއީ، އެތަނެއްގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓޭނެ ދަނޑުވެރިކަމުގެ ބާވަތެކެވެ.


