ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް: ޤާސިމް
7 އޮކްޓޯބަރު 2024 - 04:27

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އިންޑިއާގައެވެ. މިއީ ރައީސް އިންޑިއާ އަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Ad by Hajj Corporation
މި ދަތުރުފުޅާއި ގުޅިގެން ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ މި ރަސްމީ ދަތުރުފުޅާއެކު، ފޮނި އުއްމީދުތަކަކާއި ހިތްގައިމު ދުވަސްތަކެއް ކުރިމަތިވެގެން އަންނަކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވާ ދެފަރާތުގެ މަޝްވަރާތައް ކުރިއަށް ގެންދަވަން ނިންމަވާފައިވުމާއެކު، މި ދަތުރަކީ ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ.
''ޖުމްހޫރީ ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން، އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަނީ މި މުހިންމު ގުޅުން އިތުރަށް ވަރުގަދަކޮށް، ދެމެހެއްޓުމަށްޓަކައި ރައީސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް'' ޤާސިމް ވިދާޅުވެފަވެއެވެ.
އިންޑިޔާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އާ ހަރުފަތްތަކަކަށް އަރައިގަތުމަށް، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވުން މުހިންމުކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.


