ކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
17 ޖެނުއަރީ 2026 - 05:32

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 1 ވަނަ ދުވަހު މެންދުރުފަހު 15:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައި ކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation
އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް އީސީން ބުނެއެވެ. މިފަހަރުގެ އިންތިޚާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށްވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކަން ޖެހެނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގަމުން ގެންދާނީ ވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށާއި ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި ދެ އިންތިހާބުގެ ތެރެއިން ކައުންސިލް އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ. މި އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ދެ ގައުމެއްގައެވެ. އެއީ މެލޭޝިއާގެ ކުއަލަލަމްޕޫރާއި ސްރީލަންކާގެ ކޮލަމްބޯގައެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.


