150 އަހަރަށްފަހު ސްޕެއިންގެ ފުރަތަމަ ރާނީގެ ގޮތުގައި ތާރީޚުން ޖާގަ ހޯދުމަށް 20 އަހަރުގެ ޕްރިންސަސް ލިއޮނޯރް ތައްޔާރުވަނީ
19 ޖެނުއަރީ 2026 - 02:38

ވޭތުވެދިޔަ 150 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެއިންގެ ތަޚުތަށް ރާނީއަކު އިސްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ކިންގް ފެލީޕޭ VI އާއި ކުއީން ލެޓީޒިއާގެ 20 އަހަރުގެ ދަރިކަނބަލުން ޕްރިންސަސް ލިއޮނޯރް ވެވަޑައިގަންނަވާނީ، 1800 ގެ އަހަރުތަކުގައި ރަސްކަން ކުރެއްވި އިިޒަބެލާ II އަށްފަހު އެ ގައުމުގެ ތަޚުތަށް އިސްވާ ފުރަތަމަ ރާނީއަށެވެ.
ސްޕެއިންގެ ވަލީއަހުދުކަން 1700 ގެ ކުރީކޮޅުން ފެށިގެން އޮތީ ބޯބަން ދަރިކޮޅުގެ އަތްމަތީގައެވެ. އެއީ 'ވޯ އޮފް ދަ ސްޕެނިޝް ސަކްސެޝަން' ގައި ހެބްސްބާގްސްގެ މައްޗަށް ކުރި ހޯދުމަށްފަހުއެވެ. ޖެނެރަލް ފްރާންކޯގެ ހުދުމުޚުތާރު ވެރިކަން ނިމުމަކަށް އައުމުން، 1975 ވަނަ އަހަރު އަލުން ރަސްކަން ގާއިމުކުރެވުނީ ކިންގް ހުއާން ކާލޯސް I އާއެކުގައެވެ. އެމަނިކުފާނަކީ ސްޕެއިން ޑިމޮކްރަސީއަކަށް ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު 2014 ވަނަ އަހަރު ތަޚުތުން ދުރުވެވަޑައިގަތުމުން، ރަސްކަން ހަވާލުކުރެވުނީ ދަރިކަލުން ފެލީޕޭއާއެވެ. މިހާރު ތަޚުތަށް އިސްވުމުގެ ތަރުތީބުން ދެން އޮތީ ލިއޮނޯރްގެ ފުރުސަތެވެ.

Ad by Hajj Corporation
ޕްރިންސަސް ލިއޮނޯރް
ފެލީޕޭ، ކުރީގެ ނޫސްވެރިއެއް ކަމަށްވާ ލެޓީޒިއާއާ ކައިވެނި ބައްލަވައިގަތީ 2004 ވަނަ އަހަރުއެވެ. އަދި ލެޓީޒިއާ ރާނީއަކަށް ވެވަޑައިގަތީ އުމުރުފުޅުން 42 އަހަރުގައެވެ. މި ދެމަފިރިކަނބަލުންނަށް ދެ އަންހެން ދަރިކަނބަލުން ތިއްބަވައެވެ. އެއީ 2005 ވަނަ އަހަރު އުފަންވި ވަލީއަހުދު ޕްރިންސަސް ލިއޮނޯރް އާއި 2007 ވަނަ އަހަރު އުފަންވި އިންފަންޓާ ސޯފިއާއެވެ.
ޕްރިންސަސް ލިއޮނޯރް
ރާނީއަކަށް ވުމަށްޓަކައި ވަމުންދާ ތައްޔާރީތައް
ފާހަގަކޮށްލެވޭ ގޮތުގައި، ސްޕެއިންގެ ގާނޫނު ބުނާގޮތުން ތަޚުތުގެ ވަލީއަހުދު، ކުރިމަގުގެ މަސްއޫލިއްޔަތަށް ތައްޔާރުވުމުގެ ގޮތުން އެއްގަމު ސިފައިން، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިންގެ އަސްކަރީ ތަމްރީނުތައް ފުރިހަމަކުރަންޖެހެއެވެ. ލިއޮނޯރް މަތީ ތައުލީމު ފެއްޓެވީ ވޭލްސްގެ ޔޫ.ޑަބްލިއު.ސީ އެޓްލާންޓިކް ކޮލެޖުން އިންޓަނޭޝަނަލް ބެކަލޯރިއޭޓް ޑިޕްލޮމާއަކުންނެވެ. އަދި އޭގެ ފަހުން ގައުމުގެ ކުރިމަގުގެ ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން އަސްކަރީ ތަމްރީނުތައް ވަނީ ފައްޓަވާފައެވެ. އެކަމަނާއަކީ ސްޕެނިޝް، ކެޓަލަން، އިނގިރޭސި، ފަރަންސޭސި، އަރަބި އަދި މެންޑަރިން ހިމެނޭހެން ގިނަ ބަސްބަހުން ފަރިތަކަމާއެކު ވާހަކަދައްކަވާ ބޭފުޅެކެވެ.
ލިއޮނޯރްގެ އަސްކަރީ ދަތުރު ފެއްޓެވީ 2023 އޮގަސްޓް މަހު ސަރަގޯޒާގައި އެއްގަމު ސިފައިންގެ ތަމްރީނުތަކުންނެވެ. އެތަނުގައި އެކަމަނާ 560 ކެޑޭޓުންނާއެކު ބައިވެރިވެވަޑައިގަތެވެ. 2024 ވަނަ އަހަރު ގަލީސިއާގައި ކަނޑުގެ ސިފައިންގެ ތަމްރީނުތަކަށް ބަދަލުވެވަޑައިގެން، 'ހުއާން ސެބަސްޓިއަން ޑި އެލްކާނޯ' ތަމްރީނު މަނަވަރުގައި 140 ދުވަހުގެ، 17,000 މޭލުގެ ދަތުރެއް ފެއްޓެވިއެވެ.
ޕްރިންސަސް ލިއޮނޯރް
މި ދަތުރުގައި އެކަމަނާ މަސައްކަތް ކުރެއްވީ ފަޅުވެރިއެއްގެ ގޮތުގައެވެ. އެގޮތުން އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ދެކުނު އެމެރިކާ ވަށާލައި، ނިއުޔޯކާ ހަމައަށް ދަތުރުކުރެއްވިއެވެ. އަދި ޖުލައި މަހު އެލްކާނޯ މަނަވަރުގައި ކާޑިޒްއަށް އެނބުރި ވަޑައިގަތުމުގެ ކުރިން 'ބްލާސް ޑި ލެޒޯ' ހަނގުރާމަމަތީ މަނަވަރުގައިވެސް ވަގުތު ހޭދަކުރެއްވިއެވެ. 2025 ޑިސެމްބަރު މަހު، އެކަމަނާ ވަނީ 'ޕިލާޓަސް PC-21' މަތިންދާބޯޓެއްގައި ފުރަތަމަ ފަހަރަށް އެކަނި އުދުހުން ފުރިހަމަކުރައްވާފައެވެ. މިއީ ސްޕެއިންގެ ޝާހީ އާއިލާގެ އަންހެން ބޭފުޅަކު މިފަދަ ކާމިޔާބީއެއް ހޯއްދެވި ފުރަތަމަ ފަހަރެވެ.
ޕްރިންސަސް ލިއޮނޯރް
އޭގެ ފަހުން، މުރްސިއާގެ ސަން ހާވިއޭގައި ހުންނަ އެއާ އެންޑް ސްޕޭސް އެކަޑަމީގައި ވައިގެ ސިފައިންގެ ތަމްރީނުތައް ކުރިއަށް ގެންދެވިއިރު، ލިއޮނޯރްއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިހާރު އެކަމަނާއަށް މުރްސިއާ ސަރަހައްދުގެ އެންމެ މަތީ ޝަރަފު ކަމަށްވާ 'ގޯލްޑް މެޑަލް އޮފް ދަ ރީޖަން އޮފް މުރްސިއާ' އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސްޕެއިންގެ ހަތިޔާރު އެޅި ބާރުތަކުގެ ކުރިމަގުގެ ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން އެކަމަނާ ކުރައްވަމުންދާ ދަތުރުގައި ލިބިވަޑައިގަންނަވާ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.


